ހަބަރު

ޓެރަރިޒަމްގެ ތުހުމަތަށް މައުމޫންގެ ތިން މުވައްޒަފުން ހައްޔަރުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އޮފީހުގައި މަސައްކަތް ކުރައްވާ ބައެއް މުވައްޒަފުންގެ ގެތަކަށް ފުލުހުން ވަދެ، ދެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ. ރައީސް މައުމޫންގެ ގެކޮޅުއާ އިންވެގެން އޮންނަ އެންދެރިގަސްގެއަށް ވެސް ފުލުހުން ވަދެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެއީ ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ކޮއްކޯފުޅުގެ ގެ އެވެ.

ރައީސް މައުމޫން ސެކްރެޓްރީއެއްގެ ގޮތުގައި ހަރަކާތްތެރިވާ މުހައްމަދު އަޒްމީގެ ގެއަށާއި އޮފީހުގައި މަސައްކަތް ކުރައްވާ މުވައްޒަފެއް ކަމަށްވާ ނަޖުމާ އިބްރާހިމްގެއަށް ފުލުހުން ވަދެ ވަނީ ބަލާ ފާސްކޮށްފަ އެވެ. އެ ދެ މުވައްޒަފުންގެ ގެއަށް ވަދެ، އެ ދެ މުވައްޒަފުން ވަނީ ހައްޔަރު ވެސް ކޮށްފަ އެވެ. މައުމޫންގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ އިބްރާހިމާއި އަޒްމީއާ ހައްޔަރުކޮށްފައިވަނީ ޓެރަރިޒަމްގެ ތުހުމަތަށެވެ.

އެ ދެ މުވައްޒަފުން ހައްޔަރުކުރަން ނެރުނު އަމުރުގައިވާ ގޮތުން، ދެ މުވައްޒަފުންގެ މައްޗަށް ވެސް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތުގެ ފައިސާ ބަހައިގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތެވެ. ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ހައްޔަރުކުރީ އެ ތުހުމަތަށެވެ.

ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވަން އުޅުމާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ތުހުމަތު ވެސް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ވަނީ މުވައްޒަފުންގެ މައްޗަށް ކޮށްފަ އެވެ.

މީގެއިތުރުން އެންދެރިގަސް ބަލާ ފާސްކޮށް ރައީސް މައުމޫންގެ ބިދޭސީ ޑްރަައިވަރެއް ވަނީ ހައްޔަރުކޮށްފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ވެސް ފުލުހުން ވަނީ ރައީސް މައުމޫން ދިރިއުޅުއްވާ އެޕާޓްމެންޓަށް ވަނުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް އޭރު ފުލުހުންގެ އަތުގައި އޮތް ކޯޓު އަމުރުގައި އެކަމަށް ބަޔާންކޮށްފައި ނެތުމުން ރައީސް މައުމޫން އެކަމަށް ހުރަސް އެޅުއްވި އެވެ.

އެ ދުވަހުން ފެށިގެން އެސްއޯ ފުލުހުން ގެންދިޔައީ އެންދެރިމާގެ ކައިރީ ފޯރިމަރަމުންނެވެ. ކޮންމެ ވަގުތެއްގައި ވެސް ދެ ފުލުހުން އެ ގޭ ދޮށުގައި ތިއްބަވަ އެވެ. އޭގެ ސަބަބު ހޯދުމަށް ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އިއްޔެ ސީޕީއަށް ސިޓީއެއް ވެސް ފޮނުއްވި އެވެ. ސިފައިން ވެސް ވަނީ އެ ގޭގެ ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ.