ވިޔަފާރި

މި އަހަރު ކުރީކޮޅު އިންޑިޔާ ޓޫރިސްޓުންގެ އަދަދު ލައްކައަކަށް

މި އަހަރުގެ ކުރީކޮޅު އިންޑިޔާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ލައްކަ އަކަށް އަރާނެ ކަމަށް ބެލެވިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ޑިސެމްބަރު މަހުގެ ނިޔަލަށް ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އިންޑިޔާ އިން ރާއްޖެއަށް ވަނީ 83,019 ޓޫރިސްޓުން އައިސްފަ އެވެ. މި އަދަދަކީ 2016 ވަނަ އަހަރު އައި 66,955 މީހުންނާ އަޅާބަލާއިރު 24 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މިދިޔަ ޑިސެމްބަރު މަހު އެކަނިވެސް އިންޑިޔާއިން 12,647 މީހުން އައިސްފައިވެ އެވެ.

އިންޑިޔާ މާކެޓުގެ ކުރިއެރުން މިދިޔަ އަހަރު އައި ގޮތަށް ބަލާއިރު، އެވްރެޖު ގޮތެއްގައި މަހެއްގެ މައްޗަށް 2،000-5،000 މީހުން ވަނީ ރާއްޖެ އަށް އައިސްފަ އެވެ. އެހެންވެ، ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމޭ ހިސާބު އިންޑިޔާ ޓޫރިސްޓު އާބާދީ ލައްކައަކަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

އިންޑިޔާ ޓޫރިސްޓުން އިތުރުވުން މައްޗަށް ގޮސްފައިވާއިރު މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ އިންޑިޔާގައި ކުރިއަށް ދިޔަ ވަން ވޯލްޓް ޓްރެވަލް މާކެޓެއް (އޯޓީއެމް) ގައި ބައިވެފަ އެވެ. މި ފެއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ރާއްޖޭގެ 15 ކުންފުންޏަކުން 22 މީހުން ބައިވެރިވެ އެވެ.

ރާއްޖެއަށް ހަތަރު ވަރަކަށް ގަޑިއިރުން އާދެވާ ރާސްތާގައި އޮންނަ އިންޑިޔާއިން އިތުރު ފްލައިޓެއްގެ ދަތުރުތައް ފަށަން ވެސް ދަނީ ތައްޔާރުވަމުންނެވެ. އިންޑިއާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ، "ގޯއެއާ" އިން ރާއްޖެއަށް ފްލައިޓްތައް ބޭއްވުމަށް ސިވިލްއޭވިއޭޝަންގެ ހުއްދައަށް ވަނީ އެދިފަ އެވެ.