ވިޔަފާރި

އާ އަހަރަށް ބީއެމްއެލްގެ ކެމްޕޭން ފެށީ "މަތިން"

އެންމެން ވެސް ބަލަނީ މައްޗަށެވެ. އަހަރެން ވެސް ބެލީ މައްޗަށެވެ. ރޭ ވެސް ބެލީ މައްޗަށެވެ. ރޭ މައްޗަށް ބެލީ ބޮޑުމާ ހަނދު ބަލާށެވެ. މިއަދު ހެނދުނު އެންމެންގެ ނަޒަރު އުފުލުނީ ގައުމީ ބޭންކުގެ މައި އިމާރާތަށެވެ. ވެގެން މިއުޅޭ ގޮތެއް ހަމައެއްގޮތަށް ވެސް ނޭނގެ އެވެ. ހައްތަހާ ވެސް ކުރަނީ ސުވާލެވެ.

"ވަޓް ހެޕަން؟" ބޮޑު ތަކުރުފާނު މަގުގައި ހުރި ބީއެމްއެލްގެ ހެޑް އޮފީސް ކައިރިން ދިޔަ ޗައިނާ ޓޫރިސްޓު މީހާގެ ސުވާލަކީ މި އެވެ. "ކީއް ވެގެން މި އުޅެނީ؟" ބޭންކަށް ވަންނަން އައި ޒުވާނެއްގެ ސުވާލަކީ ވެސް ހަމަ މި އެވެ. "އެއްގޮތަކަށް ވެސް ނޭނގެ،" އަހަރެން ކުރު ޖަވާބަކުން ނިންމައިލީމެވެ.

ވާންއުޅޭ ގޮތް އެނގުނީ އަދި މާފަހުންނެވެ. މިއީ ބޭންކުންއާ އަހަރަށް، އަހަރެންގެ ބޭންކް- ދިވެހިންގެ ބޭންކް، ކެމްޕޭން ފެށުމަށް ބޭއްވި ހަރަކާތެވެ. މި ހަރަކާތް ފެށުމުގެ ގޮތުން ބޭންކްގެ މައި އިމާރާތުގެ މަތިން ފުންމާލީ، ހާއްސަ ބެނާއެއް ހިފައިގެންނެވެ.

އުސް އިމާރާތްތަކުގެ މަތިން ހުނަރުވެރިކަމާއެކު ފުންމަން ބޭނުންކުރި "ރެޕެލް ޖަމްޕް" ގެ މި ހަރަކާތްވީ ވަރަށް ގަޔާވި ކަމަށެވެ. އެތަށް ސަތޭކަ ބަޔަކު ބެލި މަޖާ ކަމަކަށެވެ. އާއްމު ގޮތެއްގައި ކާރޫ ބާރޫ ބޮޑު، ބޮޑުތަކުރުފާނު މަގުގައި މި ހަރަކާތް ކުރި އަށް ދިޔައިރު ފެނުނީ އުފާވެރިކަމެވެ.

ރައީސް އޮފީހާ ހިސާބުން މަގު ބަންދުކޮށްލާފައި އޮތްއިރު، މަގުމަތި އޮތީ ހިތަކަށް ލިބިފަ އެވެ. އެހެންވެ، ޓޫރިސްޓުން ވެސް މަގު މެދުގައި ތިބެ ބެލީ ފޮޓޯ ނެގޭތޯ އެވެ. ކެމްޕޭނުގައި ބުނާ އެއްޗެއް އެމީހުންނަށް ނޭނގުނަސް ހަނދާނެއްގެ ގޮތުގައި ފޯނުތަކުގެ އަލްބަމްތަކުގައި އެ ފޮޓޯ ފޮރުވާށެވެ. ގައުމަށް ގޮސް ރާއްޖޭގެ ގައުމީ ބޭންކުގެ ވާހަކަ އާއިލާގެ މީހުންނަށް ދައްކާށެވެ.

"ރެޕެލް ޖަމްޕް" ގެ ލީޑަރުންނަކީ ދިވެހި ފުލުހުންނެވެ. މުޅި ހަރަކާތް އޮތީ ފުލުހުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގަ އެވެ. ދިމާވެދާނެ ހާދިސާ އަކަށް ދިވެހި "ރެޑްކްރެސެންޓުން" ތައްޔާރެވެ. ފުރަތަމަ ފުންމައިލީ ބޭންކުގެ މުވައްޒަފެވެ. ބޭންކް ދިދައާއެކު ހުނަރުވެރިކަމާއެކު ފިރިހެން މުވައްޒަފު ފުންމާލުމާއެކު މުޅި ތަން ގުގުމާލި އެވެ. ބޭންކު ދޮރުމައްޗަށް ޖަމާވެފައި ތިބި އެތަށް ސަތޭކަ މީހުންނާއެކު އަތްތިލަ ބަޑީގެ އަޑާއެކު، ބޭންކުގެ މުވައްޒަފުންގެ ހަޅޭކުގެ އަޑުން މުޅި ޖައްވުގައި ހަރު ވެގެން ދިޔަހެން ހީވި އެވެ. ހަމައެއާއެކު ކަރުދާސް ދޫކުރާ މެޝިނުން ވައިގެ ތެރެ އަށް ކަރުދާސްތައް ބުރުވާލި އެވެ. މުޅި މާހައުލުގެ މިޒާޖު ބަދަލު ވެއްޖެ ފަދަ އެވެ. ބޭންކްގެ ލަވައިގެ އަޑު ވެސް ގަދަ ވެއްޖެ އެވެ.

ބޭންކުގެ މި ހަރަކާތުގައި ބޭންކުގެ އަންހެން ދެ މުވައްޒަފަކު ވެސް ބައިވެރިވި އެވެ. ގާތްގަނޑަކަށް ސަތޭކަ ފޫޓުގެ އުސް، ބޭންކުގެ މައި އިމާރާތުގެ މަތިން އަންހެން މުވައްޒަފް ވެސް ފުންމާލީ އުފަލުން ހުރެ އެވެ. ހަފުތާއެއްހާ ދުވަހުގެ ތަމްރީނަށް ފަހު، އެ މުވައްޒަފުންގެ ކުރި މި ހިތްވަރުގަދަ މަސައްކަތަށް ސާބަސް ދޭން ޖެހެ އެވެ.

ހުރިހާ ގޮތަކުން ވެސް ގައުމީ ބޭންކަކީ ދިވެހިންގެ ފަހުރުވެރި ބޭންކް އެކެވެ. ހުރިހާ ރޮނގަކުން ވެސް ބޭންކުން މި ދަނީ ގައުމަށް އެހީވަމުންނެވެ. އެންމެ ކުޑަ ކުއްޖާ އިން ފެށިގެން އެންމެ މުއްސަނދި ވިޔަފާރިވެރިޔާގެ ހިއްސާ ވެސް މި ބޭންކުގައި އޮންނާނެ އެވެ. މިއާއެކު ބޭންކުގެ ހުރިހާ ދާއިރާއެއް ވެސް ހުރީ މައްޗަށެވެ. މިއީ އަހަރެންގެވެސް ބޭންކެވެ. މި އަހަރު "އަހަރެންގެ ބޭންކް- ދިވެހިންގެ ބޭންކް" މި ފޭބީ މަތިން އެވެ.