ފިލްމުތަކުގައި ލޯބީގެ ވާހަކަތައް ވަރަށް ރީިތކޮށް ގެނެސްދޭން ކިތަންމެ ފަސޭހަޔަސް، އަމިއްލަ ދިރިއުޅުމުގައި އޭނާއަކީ އެއްއިރެއްގައި އެއްވެސް ގުޅުމެއްގައި ރަނގަޅަށް އުޅެވުނު މީހެއް ނޫންކަމަށް ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް ބުނެފި އެވެ.
އެކްޓްރެސް ކަލްކީ ކޯޗްލިން އާއި ދެމީހުންގެ ކައިވެނިކުރިތާ ދެއަހަރެއް ހާ ދުވަސްފަހުން މައްސަލަޖެހި، ވަކިން ވެސް ގާތްގަނޑަކަށް ދެ އަހަރެއް ހާ ދުވަހު އުޅެ މިހާރު ވަރިވުމަށް އެދި ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އަނޫރާގް ބުނީ ކަލްކީ އޭނާއާ އެކު ނެތުން އެއީ ހަޔާތުގައިވެސް އޭނާއަށް ލިބުނުއެންމެ ބޮޑު ގެއްލުންކަމަށެވެ.
އޭނާ ބުނަން ހަމައެކަނި ބޭނުންވަނީ ކަލްކީ އަކީ ވަރަށް މޮޅު އެކްޓްރެސްއެއް ކަމަށާއި، އެ ދެމީހުންގެ ކައިވެނީގައި ޖެހުނު މައްސަލައާ ބެހޭގޮތުން އަދި އެދެމީހުން ވަކިވާން ނިންމީ ކޮން ސަބަބަކާހުރެ ކަން ހާމަކުރަން ވެސް ބޭނުންނުވާ ކަމަށެވެ.
"އެހުރިހާ ކަމެއް ބޭނުންވަނީ އަހަރެމެން ދެމީހުންގެ ދެމެދުގައި ބާއްވަން" އަނޫރާގް ބުންޏެވެ.
ކަލްކީއާ އެކު ހޭދަކުރި ދުވަސްތައް މަތިން ހަނދާން އާކުރަމުން އަނޫރާގް ބުނީ، ކަލްކީ ވަނީ އޭނާގެ ދިރިއުޅުމުން ހަ އަހަރު އަނޫރާގްއަށްޓަކައި ދީފައިކަމަށެވެ. ކަލްކީ އަށް އަބަދުވެސް ވަރަށް އިހްތިރާމްކުރާނެ ކަމަށް ބުނަމުން އަނޫރާގް ބުނީ، ކަލްކީ ވަނީ އެނާގެ މުޅި ހަޔާތް ބަދަލުކޮށްލާފައި ކަމަށެވެ. އަދި ކަލްކީ އޭނާ ދޫކޮށްފައި ދާންޖެހުނީ ވެސް އޭނާގެ ކިބައިގައި ކޮންމެވެސް އުނިކަމެއް ހުރެގެންކަން ގަބޫލުކުރާކަމަށެވެ.
"ގުޅުންތައް ދަމަހައްޓަން އަހަރެން މީ އެހާ މޮޅު މީހެއް ނޫން" ދެ މީހުން ވަކިވާންޖެހުނީ އަނޫރާގްގެ ސަބަބުން ކަމަށް ބުނަމުން ބުންޏެވެ.
ފިލްމުތަކުގައި ލޯބީގެ އަސަރުގަދަ ވާހަކަތައް ގެންނަން އެހާމޮޅީ ކީއްވެގެންތޯ އެހުމުން އަނޫރާގް ބުނީ ކޮންމެ މީހެއްގެ ވެސް ބަލިފައެއް ހުންނާނެ ކަމަށެވެ. އެހެންކަމުން ދިރިއުޅުމުގައި އެހެން މީހުން ހެއްވަން މަޖާ ވާހަކަ ދައްކާމީހާ އަކީ ހަގީގަތުގައި ދިރިއުޅުމުގައި އެންމެ ހިތްދަތިކޮށް އުޅޭމީހާ ކަމަށެވެ.
"އަހަރެންގެ ބަލިފަޔަކީ މިއަދު އަހަންނާ އެކު ކަލްކީ ނެތުން،" އަނޫރާގް ބުންޏެވެ.
ކަލްކީ، 29، ބޮލީވުޑަށް ތައާރަފުވީ އަނޫރާގް ޑައިރެކްޓްކޮށް 2009ވަނަ އަހަރު ނިކުތް ފިލްމު "ދޭވް ޑީ" އިންނެވެ. މިފިލްމުގެ ޝޫޓިންތެރެއިން ލޯބިވެގެން ދެމީހުން ކައިވެނިކޮށްފައިވަނީ 2011ވަނަ އަހަރު އެވެ. ނަމަވެސް 2013 ވަނަ އަހަރުވަނީ ދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލްތަކަކަށްފަހު ވަކިން ދިރިއުޅެން ފަށާފަ އެވެ.
ބުނެވޭގޮތުގައި ކަލްކީ އާއި އަނޫރާގްގެ ދެމެދުގައި މައްސަލަތައް ޖެހެންފެށީ، އަނޫރާގް އާއި ބަތަލާ ހުމާ ގުރޭޝީ އާއެކު ގާތްގުޅުމެއް ބޭއްވުމުންނެވެ. ނަމަވެސް ކަލްކީ ވަނީ މިކަން ދޮގުކޮށްފަ އެވެ.
މިވަގުތު އަނޫރާގް ބޭނުންވަނީ އަންނަ މަހުގެ 15ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ އޭނާގެ މެގަ ޕްރޮޖެކްޓް "ބޮމްބޭ ވެލްވެޓް"ގެ ޕްރޮމޯޝަންތަކާއި މެދު އެކަނި ވިސްނާށެވެ.