ވިޔަފާރި

ބީއެމްްއެލް އިންސްޓަގްރާމް ޗެލެންޖަކުން ހެޔޮވަރު އިނާމެއް!

ފޮޓޯއެއް ނަގާލައި އިންސްޓަގްރާމްގައި ތަތް ކޮށްލުމަކީ މިހާރު އެއްވެސް ކަމެއް ނޫނެވެ. އެއީ ހަމަ ފެން މެޓައެއް ކައިލުންހާ ފަސޭހަކަމެކޭ ބުނެވިދާނެ އެވެ. އެހެންވީއިރު، އިންސްޓްގްރާމަށް ފޮޓޯއެއް ލައިގެން އިނާމެއް ހޯދަން މަސައްކަތް ނުކުރަންވީ ސަބަބެއް ނެތެވެ. އެ ފުރުސަތު މި ދެނީ، ގައުމީ ބޭންކުންނެވެ.

ގައުމީ ބޭންކުން މިހާރު ކުރިއަށް ގެންދާ އަހަރެންގެ ބޭންކް- ދިވެހިންގެ ބޭންކް ކެމްޕޭގައި ބައިވެރިވެ އިނާމެއް ހޯދިދާނެ އެވެ.

ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ފޮޓޯތަށް ނަގައި "#އަހަރެންގެރާއްޖެ" ޓެގްކޮށް އިންސްޓްގަރާމުގައި ޕޯސްޓް ކުރަމުން ގެންދަންވީ އެވެ. މި ޗެލެންޖުގައި އިނާމަކީ 25،000ރ. އެވެ. އަދި އިތުރު ފަސް ފަރާތެއް ހޮވާނެ އެވެ.

މި މަހުގެ ނިޔަލަށް ދެމިގެންދާ ބޭންކުގެ އިންސްޓަގްރާމް ޗެލެންޖުގައި އެންމެ ރީތި ފޮޓޯ ހޮވާނީ ހާއްސަ ޕެނަލަކުންނެވެ. ބޭންކުން ނަގާފައިވާ މި ޕެނަލުގައި ދާއިރާގެ ތަޖުރިބާކާރުން ވެސް ތިބޭނެ އެވެ.

މި ކެމްޕޭނާ ބެހޭ ގޮތުން ީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ މުޅި ރާއްޖެ އަށް އަމާޒުކޮށް ހިންގާ މި ޕްރޮގްރާމް އިން ބުނެދެނީ އަޅުގަނޑުމެން ހިދުމަތް ދެމެންދާ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ނުހަނު ބުރަކޮށް މަސައްކަތްކުރަމުންދާ ބޭންކެއް ކަމެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށް މިއަހަރުތެރޭ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ 60 ޕްރޮގްރާމް ހިންގުން. މިއަދުން ފެށިގެން ފޭބްރުވަރީ މަހުގެ ކޮންމެ ދުވަހެއްގައި އަދި މުޅި އަހަރުތެރޭގައި ތައުލީމް، ކުޅިވަރު، ތިމާވެށީގެ އެކިއެކި ހަރަކާތްތަކަށާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކަށް އަޅުގަނޑުމެންގެ އެހީތެރިކަން ލިބިގެންދާނެ،" ހީލީ ވިދާޅުވި އެވެ.

ގައުމީ ބޭންކުން "އަހަރެންގެ ބޭންކް- ދިވެހިންގެ ބޭންކް" ކެމްޕޭން މި އަހަރަށް ފެށީ މިއަދު އެވެ. މި ކެމްޕޭންގެ 28 ހަރަކާތެއް މިމަހު އެކަނިވެސް ކުރިއަށްދާނެ އެވެ. ކެމްޕޭންގެ ދަށުން މުޅި އަހަރު ދުވަހަށް ބަހާލައިގެން 300 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ. ބޭންކުން މިދިޔަ އަހަރުވެސް ވަނީ ބޮޑު އަދަދެއް މިކަމަށް ހޭދަކޮށްފަ އެވެ. އަދި ބޭންކުން ވަނީ ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 33 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި 92 އޭޓީއެމްގެ އިތުރުން 4900 ޕީއޯއެސް މާޗަންޓުން އަދި 205 ކޭޝް އޭޖެންޓުންގެ ހިދުމަތް ދެމުންނެވެ. މީގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައު ތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.