ހަބަރު

ހާމިދާއި އަދީބުގެ ދެ ކުންފުންޏެއްގެ އެކައުންޓް ފްރީޒްކޮށްފި

ހާމިދު ސޭޓްގެ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓާއި ކުރީގެ ނައިބްރައީސް އަހުމަދު އަދީބު އާއިލާގެ މަސްލަހަތު އޮންނަ މޮންޓިލިއަން އިންޓަނޭޝަނަލް، ދެ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި އެވެ.

އެެކުންފުނީގެ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ އެދުމަށް ސިވިލްކޯޓުންނެވެ. އެގޮތުން މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓްގެ އެކައުންޓްތައް ފްރީޒް ކުރުމަށް ނެރުނު ވަގުތީ އަމުރުގައި ވަނީ، ޅ. މާބިންހުރާ ޓުރިސްސޓް ރިސޯޓެއްގައި ތަރައްގީ ކުރުމަށް ެއެރަށުގެ ހެޑްލީސް ހޯދުމަށް ދައުަލަތައް ފައްކަން ޖެހޭ ޖުމްލަ ލީސްގެ އަދަދު ދެއްކުމަށް އެމްއެމްޕީއާރްސީ އަށް ލިބެންޖެހޭ ފައިސާ މިލޭނިއަމްގެ އެކައުންޓަށް ޖަމާކޮށްފައިވާތީ ކަމަށެވެ. އަދި އެޗެކްގައިވާ ފައިސާ އަކީ އެމްއެމްޕީއާރްސީގެ މެދުވެރިކޮށް ދައުލަތައް ލިބެންޖެހޭ ފައިސާ އަށްވެފައި އެ މުއާމަލާތުގެ މައްޗަށް ޖިނާއި ތުހުމަތު ތަކެއް އުފެދި ޖިނާއީ ތަހުގީގެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެފައިސާ ދައުލަތައް އަނބުރާ ލިބުމަށް ހުރަސްތަކާއި ކުރިމަތިވެފައިވާ ކަމަށާއި ވަގުތީ އަމުރަކާއެކު އެކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށް އެންމެހާ އެސެޓްތަކާއި ހިއްސާ އެހެން ފަރާތަކަށް ވިއްކުން ފަދަ މުއާމަލާތްތައް ނުކުރުމަށް ގައިރު ހާޒިރުގައި އަމުރު ނުކުރާ ކަމަށެވެ.

އަދީބު އާއިލާގެ މަސްލަހަތު އޮންނަ މޮންޓިލިއަންގެ ކުންފުނިތަކުގެ އެކައުންޓްތައް ފްރީޒް ކުރުމަށް ނެެރެފައިވާ ވަގުތީ އަމުރުގައި ވަނީ، އިޓަލީ ރައްޔިތެއްކަމަށްވާ އަލްބާޓީނޯ ޕެރޫޒޯ ދައުލަތައް ދައްކަން ސްވިފްޓް މެދުވެރިކޮށް 2،250،000 ޑޮލަރު ޓްރާންސްފާ ކޮށްފައިވާ ކަމަށާއި އެފައިސާ އަކި އެމްއެމްޕީއާރްސީ މެދުވެރިކޮށް ދިވެހި ދައުލަތައް ލިބެންޖެހޭ ފައިސާ ކަމަށެވެ. އެހެން ކަމުން އެފައިސާ އަނބުރާ ހޯދުމަށް ދައުލަތައް ހުރަސްތަކާއި ކުރިމަތިވާތީވެ އެކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށް އެންމެހާ އެސެޓްތަކާއި ހިއްސާ އެހެން ފަރާތަކަށް ވިއްކުން ފަދަ މުއާމަލާތްތައް ނުކުރުމަށް ގައިރު ހާޒިރުގައި އަމުރު ނުކުރާ ކަމަށެވެ.

މިދެ ކުންފުނީގެ އެކައުންޓްތައް މިއަދު ފްރީޒްކޮށްފައިވާއިރު މިދިޔަ އަންގާރަ ދުވަހު ވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި ބޮޑު ތުހުމަތެއް ކުރެވޭ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އޭނާގެ ބައްޕަ މ. ސެސްނާ، އަބްދުއްލަތީފް އަބޫބަކުރުގެ އެކައުންޓް ތަކެވެ.

އޭގެއިތުރުން މޮހޯގެ ކުންފުނި، އެސްއޯއެފް ކުންފުނީގެ އެކައުންޓާއި، އެ ކުންފުނީގެ ދަށުން ހަދާފައިވާ ހަތަރު ކުންފުންޏެއްގެ އެކައުންޓް ފްރީޒްކޮށްފައިވެ އެވެ. އޭގެއިތުރުން ވައިލްޑް އަލްމަންޑް އާއި ޕްރެންޒާ ޕްރިންޓާސް އާއި ދިވެހި މީޑިއާ ގްރޫޕް އާއި ގްލެޑިއަން އާއި ގްލެޑިއަން މެނޭޖްމަންޓް އަދި ބިޒްނާސް މޯލްޑިވްސްގެ އެކައުންޓް ވެސް ފްރީޒް ކޮށްފައިވެ އެވެ.

ސިވިލް ކޯޓުން އެ ކުންފުނިތަކުގެ އެކައުންޓް ފްރީޒްކުރިއިރު އެ ކުންފުނިތަކާ ގުޅޭ މައްސަލަތަކެއް ސިވިލް ކޯޓުގައި ހިނގަމުންދެ އެވެ. އަދި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް ރިޕޯޓް ވަނީ އެކުލަވާލާފަ އެވެ. އޮޑިޓް ރިޕޯޓުން ހާމަވެފައިވާ ގޮތުން 1.22 ބިލިއަން ރުފިޔާ އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ ތެރެއިން ވަނީ ގެއްލިފަ އެވެ. އެކަމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށާއި އެ ކުންފުނީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތަށް ވަނީ ހުކުމްތައް އައިސްފަ އެވެ.