1 ފެބުރުއަރީގެ އަމުރު

އަމުރު ނެރުން ޝައިނީ ސިފަ ކުރެއްވީ ބަޣާވާތެއްގެ ގޮތުގައި

ސިޔާސީ ބޭފުޅުން ޖަލުން ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ރޭ ކުއްލި ގޮތަކަށް އަމުރެއް ނެރުން ބަޣާވާތެއްގެ ގޮތުގައި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ސިފަ ކުރައްވައިފި އެވެ.

ޝައިނީ މިއަދު ވިދާޅުވީ، މިއީ ހިތްވަރު ދައްކަންވީ ވަގުތު ކަމަށެވެ. އޭނާ އާއި މުޅި ކެބިނެޓް އޮތީ ރައީސް އަބްދުﷲ ޔާމީނާއެކުގައި ކަމަށެވެ.

"އިތުރު ބާޣާވާތެއް ދެމިގެން ނުދާނެ ކަމަށް ގަބޫލުކުރަން،" ޝައިނީ ވިދާޅުވެފައިވެ އެވެ.

ޝައިނީ މިހެން ވިދާޅުވިއިރު އެހެން މިނިސްޓަރުން ވެސް ވަނީ ޓްވީޓްތައް ކުރައްވައި ރައީސް ޔާމީންއާއެކު ތިއްބެވިކަން ހާމަ ކުރައްވާފަ އެވެ. އެގޮތުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ، "އިސްލާމް ދީނާއި ގައުމުގެ ހައްގުގައި ރައީސް ޔާމީން ކުރައްވަމުން ގެންދަބާ އިހްލާސްތެރި ހިތްވަރުގަދަ މަސައްކަތެއް، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު ކާމިޔާބު ވާނެ، ހައްގަށް ނަސްރު ލިބިގެންދާނެ،" ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ޓްވީޓް ކުރެއްވި އެވެ. "ﷲގެ ހެޔޮ ރަހުމަތާއެކު ރައީސް ޔާމީންއާއެކު ސާބިތުވެ އެބަ ހުރިން،" ސައީދު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ވިދާޅުވެފައިވަނީ، "ރާއްޖޭން ދިޔުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި ހުންނެވީ ރައީސް ޔާމީންއާއެކު ސާބިތުވެ" ކަމަށެވެ.

ސުޕްރީމް ކޯޓުން ރޭ ކުއްލި ގޮތަކަށް ނެރުނު އަމުރުގައި ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހްސިން ދޫކޮށްލުމަށެވެ. އަދި މެޖިސްޓްރޭޓް އަހުމަދު ނިހާން އާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންއާއި ހާމިދު އިސްމާއިލް ދޫކޮށްލުމަށް ވެސް އެ އަމުރުފައި ވަނީ ބުނެފަ އެވެ.

އަމުރުގައި ބުނެފައިވާ ގޮތުން އެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށާއި އެގޮތުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގީގުތަކުގެ މައްޗައް ބިނާކޮށް ދައުވާ އުފުލައިގެން ކަމަށާއި އެހެންކަމުން އެ މައްސަލަތައް އަލުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ބައިނަލް އަގުވާމީ ތަރުޖަމާނު އިބުރާހީމް ހުސައިން ޝިހާބު ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ބަޔާނެއްގައި ބުނެފައި ވަނީ އެ އަމުރު ނެރެފައި ވަނީ ދައުލަތުގެ ފަރާތުން އެޓާނީ ޖެނެރަލް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ވެސް ބައިވެރިވުމެއް ނެތި ކަމަށެވެ.

"އެހެންވީމާ އެ އަމުރަށް އަމަލު ކުރުމަށް ޓަކައި ގާނޫނީ ހުކޫމަތާއި އުސޫލާ އެއްގޮތަށް ސުޕްރީމްކޯޓާ ވާހަކަ ދައްކައި ލަފާ ހޯދަން ސަރުކާރުން މަސައްކަތް ކުރާނެ އެވެ،" ބަޔާނުގައި ވެއެވެ.

ސަރުކާރުގެ ފަރާތުން ސިފައިން ގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ރައީސް ޔާމީން ރޭ އަރީފްއާ ގުޅުއްވުމަށް އެކި ފަހަރުގެ މަތިން މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް އަރީފްގެ މިހާތަނަށް ވެސް އަރީފްގެ ފޯނަށް ގުޅޭ ގޮތް ނުވުމުން، ގާނޫނުން ރައިސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ސީޕީގެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.