1 ފެބުރުއަރީގެ އަމުރު

ކަރެކްޝަނުން އުޅެނީ އިމްރާން ރަހީނު ކޮށްގެން: އަދާލަތު

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ އާއި އެހެެން ބައެއް ސިޔާސީ ލީޑަރުން މިނިވަން ކުރަން ސުޕްރީމްކޯޓުން ރޭ ކުރި އަމުރަށް ސަރުކާރުން ތަބާ ނުވެ، އިމްރާނު ޖަލުގައި ބަހައްޓާފައި ހުރި ހުރުމަކީ އޭނާ ރަހީނުކުރުން ކަމަށް އަދާލަތު ޕާޓީން ސިފަކޮށްފިއެވެ.

އަދާލަތުޕާޓީން ރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސުޕްރީމްކޯޓުގެ އަމުރު ތަންފީޒުކުރުމުގެ ނިޔަތެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ނެތް ކަމަށެވެ.

" ކަރެކްޝަނަލް ސާވިސް އިންް ވަނީ ރައީސް ޔާމީނުގެ އަމުރަށް އޭޕީފެ ރައީސް ޝައިޚު އިމްރާން ރަހީނުކޮށްފައި. އެސްސީގެ އަމުރު ތަންްފީޒުކުރާނެ ކަމަށް ބުނަނީ އޮޅުވާލަން. އަމުރު ތަންފީޒު ނުކުރަނީ އެކަން ކުރުމުގެ ނިޔަތެއް ނެތުމުން،" އަދާލަތު ޕާޓީގެ ޓްވީޓުގައި ވެއެވެ.

އިމްރާން ދޫކޮށްލުމުގެ ކަންތަކުގައި އިހުމާލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅޭނެ ކަމަށް ވެސް އޭޕީން ބުންޏެވެ.

ސުޕްރީމް ކޯޓުން ރޭ އެންގީ ސިޔާސީ ބޭފުޅުން ޖަލުން ވަގުތުން މިނިވަންކުރުމަށެވެ.

އެ އަމުރު ތަންފީޒު ނުކޮށް ސިފައިންގެ ހެޑްކުއާޓަރުގައި ބައެއް މިނިސްޓަރުން ތިއްބަވައިގެން ޓީވީ އެމް މެދުވެރިކޮށް ދެއްވި ބަޔާނުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް އެ އަމުރު ސިފަ ކުރެއްވީ، "ސުޕްރީމް ކޯޓުން ނެރުނު ކަމަށް ބެލެވޭ އަމުރެއްގެ" ކަމަށެވެ. އެ އަމުރުގެ ސައްހަކަން ބަލަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރުގެ ސައްހަކަމާމެދު ސަރުކާރަށް ސުވާލުތަކެއް ހުރުމުން އެކަން ސާފުކުރުމަށް ސުޕްރީމް ކޯޓާ ވާހަކަ ދައްކަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް މިހާތަނަށް އެކަން އަދި ކާމިޔާބު ނުވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމާ ގުޅޭ ގޮތުން އަންނަ ގާނޫނީ ނުކުތާތައް ސާފު ކުރުމަށް އެ ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

"އެހެންކަމުން އަމުރު ތަންފީޒު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ ކުރިން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާނަން، އެކަމަށްޓަކައި ސުޕްރީމް ކޯޓާއެކީގައި މަސައްކަތް ކުރެވޭތޯ ނޫނީ އެކަންކަން ސާފު ކުރެވޭތޯ ބަލަމުން،" އަނިލް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ރޭ ކުރި އަމުރަށް ފަހު ވެސް ސަރުކާރުން އަދިވެސް އެއްވެސް ބޭފުޅަކު މިނިވަނެއް ނުކުރެއެވެ.