ހަބަރު

ރައީސް ޔާމީން ގައުމު ދޫކުރައްވާ ވަޑައިނުގަންނަވާނެ: ޕީޕީއެމް

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަކީ ގައުމު ދޫކޮށް ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާއި ރައީސް ޔާމީން ހުރީ ގައުމު ދޫކޮށް ވަޑައިގަންނަވާ ގޮތަކަށް ނޫން ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މީގެ ކުޑައިރު ކޮޅެއް ކުރިން ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ، ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރުގެ ހިންގުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ވިދާޅުވީ، މިހާރު ދިމާވެފައިވާ ހާލަތުން ވަރަށް އަވަހަށް އަރައިގަނެވޭނެ ކަމަށާއި ގައުމުގެ ހިންގުމުގެ މަސައްކަތް އަލުން ފެށިގެންދާނެ ކަމަށެވެ.

އަބުދުއްރަހީމް ވިދާޅުވީ، ސުޕްރީމްކޯޓްގެ ނިންމުމާ ގުޅޭގޮތުން ވަކި އެއްޗެއް ދަންނަވާކަށް ނެތް ކަމަށާއި އެ އަމުރު ދަނީ ބަންޑާރަ ނައިބު މުހައްމަދު އަނިލް ދިރާސާ ކުރަމުން ކަމަށެވެ. އަދި އެ އަމުރު ދިރާސާކޮށް ބަންޑާރަ ނައިބު ނިންމަވާ ގޮތަކަށް ކަންކަން ކުރައްވާނެ ކަމަށް އަބުދުއްރަހީމް ވިދާޅުވި އެވެ.

"ރައީސް ޔާމީނަކީ މިފަދަ ހާލަތުގައި ގައުމު ދޫކޮށް ފިއްލަވާނެ ބޭފުޅެއް ނޫން، ފިއްލަވާ ބޭފުޅުން ވަނީ މީގެ ކުރިން ފެނިގެން ގޮސްފައި، އަޅުގަނޑުމެންގެ ޕާޓީގެ ކައުންސިލާއި ޕާލިއަމަންޓާއި ކެބިނެޓާއި، މުޅި ޕާޓީ އޮތީ ރައީސް ޔާމީނާއެކު، އަޒުމަކަށް ބަދަލެއް ނާންނާނެ، ފަހަތަކަށް ނުޖެހޭނަން، ވާން ޖެހޭނެ ކޮންމެ ގުރުބާނީއެއް ވާންވެސް ތައްޔާރަށް، މިގައުމުގެ އަމާންކަން ގެއްލިގެންދާ ފަދަ އެއްވެސް ކަމެއް ވިޔަކަ ނުދޭނަން،" އަބުދުއްރަހީމް ވިދާޅުވި އެވެ.

އަބުދުއްރަހީމް ވިދާޅުވީ، އަމުރުގެ ސަބަބުން ސަރުކާރަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށާއި އޭގައި ސަރުކާރަށް ނިމުމެއް އަންނާނެ ކަމުގެ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ، ޕީޕީއެމް އަކީ އަބަދުވެސް ޝަރުއީ ދާއިރާތަކަށް އިހުތިރާމް ކުރާ ބައެއް ކަމަށާއި ޝަރުއީ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވާ ޕާޓީއެއް ކަމަށެވެ.

"ދައުލަތުގެ ބަންޑާރަ ނައިބު ވަނީ ހުކުމް ތަންފީޒު ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް ކުރުމާއި ހުރިހާ އިޖްރާތްތައް ފުރިހަމަ ކުރަމުންް ގެންދަވާ ކަމަށް ވިދާޅުވެފަ، މިތިބީ ބަންޑާރަ ނައިބުގެ ލަފާފުޅެއްގެ އިރުޝާދުގައި، ޕީޕީއެމް އަބަދުވެސް ފެންނާނީ ގާނޫނަށް ތަބާވާ ޝަރުއީ ނިޒާމަށް އިހުތިރާމް ކުރާ ކޯޓުގެ ނިންމުންތަކަށް ބޯލަނބާ ޕާޓީއެއް،" އަބުދުއްރަހީމް ވިދާޅުވި އެވެ.

އަބުދުއްރަހީމް ވިދާޅުވީ، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކޮށްދިނުމަށް ހަވާލުކޮށްފައިވަނީ ރައީސް ޔާމީނަށް ކަމަށާއި ސުޕްރީމް ކޯޓްގެ ހުކުމަކުން ރައީށް އަދާކުރަން ޖެހޭ މަސްއޫލިއްޔަތަކަށް، ގާނޫނީ ވާޖިބަކަށް ހުރަހެއް ނެތް ކަމަށެވެ.

"އިދިކޮޅުން ދައްކަނީ ހަގީގަތް އޮތް ވާކަމެއް ނޫން، މަޖިލިސް ހުޅުވުމުން މެޖޯރިޓީ އޮންނާނީ އަޅުގަނޑުނެ އަތުގައި، މިވަގުތު ވެސް މެޖޯރިޓީ އޮތީ ހަމަ ސަރުކާރުގެ އަތުގައި،" އަބުދުއްރަހީމް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ސަރުކާރުގެ ހުރިހާ ބޭފުޅުން ތިއްބެވީ ވަރަށް ބަދަހިކަމާއެކު ކަމަށާއި އަދިވެސް މަސައްކަތް ކުރާނީ ރައީސް ޔާމީންގެ އެޖެންޑާ ފުރިހަމަ ކުރުމަށް ކަމަށެވެ. ޕީޕީއެމް އަކީ ގަނޫނަށް ތަބާވާ ޕާޓީއެއް ކަމަށާއި ގައިރުގާނޫނީ އެއްވެސް އަމަލެއް އެޕާޓީން ނުކުރާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

ޕްރެސްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރައީސް ޔާމީން އަކީ މިގައުމު ހަމަ މަގަށް އެޅުވި އަދި އަޅުވާނެ އަދި ކުރިއަށް އޮތް ތަނުގައި މިގައުމު އަމާން ބަނދަރަކަށް ގެންގޮސްދޭނެ ވެރިއެއް ކަމަށެވެ. އަދި ވިދާޅުވީ، ވޯޓް ފޮއްޓާ ހަމައަށް ގޮސްފި ނަމަ ކާމިޔާބު ވާނީ ރައީސް ޔާމީން ކަމަށާއި އެކަން އިދިކޮޅު ފަރާތްތަކަށް ވެސް އެނގޭ ކަމަށެވެ. މިއަހަރުގެ އިންތިހާބު ވެސް ކާމިޔާބު ކުރާނީ ރައީސް ޔާމީން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، މިއީ މިފަދަ ހާލަތެއް ގައުމަށް ދިމާވި ފުރަތަމަ ފަހަރެއް ނޫން ކަމަށާއި ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ގާނޫނީ އިމުގެ ތެރެއިން ހައްލު ހޯދައި ބިންގާތައް ފުނޑިގެން ނުދާހެން ކަންކަން ކުރުމަށް ކަމަށެވެ. އަދި ރައީސް ޔާމީން އަބަދުވެސް ވިދާޅުވާ ވާހަކައަކީ ގާނޫނުގެ ކުރިމަތީގައި ހުރިހާ އެންމެންވެސް ހަމަހަމަ ކަމަށާއި މިކަމުގައިވެސް ގާނޫނު ތެރޭގައި ހުރިހާ އެންމެން ހަމަހަމަ ކަމަށް ޝައިނީ ވިދާޅުވި އެވެ.

"މެޖޯރިޓީ އޮތީ ސަރުކާރާ އެކުގައި، އެމްޕީންނާއި ރައްޔިތުންނާއި މިނިސްޓަރުން ތިބީ ސަރުކާރާއެކު، ކާމިޔާބުވާނެ،" ޝައިނީ ވިދާޅުވި އެވެ.

އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ވިދާޅުވީ، މި ސަރުކާރުން ބަގާވާތަކަށް ފުރުސަތު ނުދޭނެ ކަމަށާއި މަޖިލީހުގެ ތެރެއިން ވެސް ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކުރުމަށް ޖާގައެއް ނުދޭނެ ކަމަށެވެ. އަދި ވިދާޅުވީ، އެމްޑީއޭ އޮތީ ސަރުކާރާއި ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސާބިތުކަމާ އެކުގައި ކަމަށެވެ.