1 ފެބުރުއަރީގެ އަމުރު

އަމުރު ތަންފީޒު ކުރުން ނޫން އެހެން އިޖުރާތެއް ނެތް: ވަކީލުން

ސުޕްރީމް ކޯޓުން ނެރުުނު އަމުރަށް ތަބާވެ، އެ އަމުރު ތަންފީޒު ކުރުން ނޫން އެހެން އިޖުރާތެއް މިވަގުތު ސަރުކާރަށް ނެތް ކަމަށް އިދިކޮޅު ކޯލިޝަންގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

މ. ކުނޫޒުގައި މިހާރު ކުރިއަށްދާ އިދިކޮޅު ވަކީލުންގެ ޕްރެސްގައި ހިސާން ހުސެން ވިދާޅުވީ، އަޑުއިވެމުންދަނީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އަމުރު ދިރާސާ ކުރަމުންދާ ކަމަށާއި އަދި އެމައްސަލާގައި އުއްތަމަ ފަނޑިޔާރާއި މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި މީގެ ކުޑައިރުކޮޅެއް ކުރިން އެޖީ އަނިލް އުއްތަމަ ފަނޑިޔާރާއި ބައްދަލުވެފައިވާ ކަމަށާއި ޑިއު ޕްރޯސެސްއާ އެއްގޮތަާށް އަމުރު ކުރިއަށް ގެންދަން އަންގަންވާފައިވާ ކަމަށް އޭޖީ އަނިލް ވިދާޅުވި ކަމަށެވެ. ނަމަވެސް ސަރުކާރަށް އެއަމުރު ތަންފީޒު ކުރުން ނޫން އެހެން އިޖުރާތެއް ނެތް ކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ، ނިންމުން އިތުރަށް ދިރާސާ ކުރުމުގެ ނިޔަތުގައި މީހެއްގެ މިނިވަންކަން ނުހިފޭއްޓޭނެ ކަމަށާއި އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އެކަމަކީ ރަހީނު ކުރުމުގެ އަމަލެއް ކަމަށްވެސް ބެލެވޭނެ ކަމަށާއި އެކަމަކީ ގާނޫނު ތަންފީޒު ކުރަން ހުރަސް އަޅަމުންދާ އަމަލެއް ކަމަށްވެސް ބެލެވޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.

"އަމުރު ތަންފީޒު ކުރަން ދައްކާ ބަހަނާ ތަކަކީ ގާނޫނީ ގޮތުން ގަބޫލު ކުރެވޭ ވާހަކަތަކެއް ނޫން، އުއްތަމަ ފަނޑިޔާރާއި އޭޖީ އަނިލް ބައްދަލުކުރުން އުއްތަމަ ފަނޑިޔާރު ވަނީ ޑިއު ޕްރޯސެސްއާ އެއްގޮތަށް އަމުރު ކުރިއަށް ގެންދަން އަންގާފައި ކަމަށް، ނަމަވެސް އަމުރަަށް ތަބާވެ ކިޔަމަންވެ، ތަންފީޒު ކުރުން ނޫން އެހެން އިޖުރާތެއް ދައުލަތަށް ނެތް، އަދިސަރުކާރުގެ އެހެން މުއައްސަސާތަކަށްވެސް ނެތް،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން ނިންމި ނިންމުމަކީ ރައީސް ޔާމީނާއި ސަރުކާރަށް އެއްކޮޅަށް ނިންމި ނިންމުމެއް ކަމަށާއި އެއީ ސިޔާސީ މަންފާއަކަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި ވިދާޅުވީ، ފެނިގެން މިދަނީ ކޯޓް އަމުރަށް ތަބާނުުވެ، އެއަމުރާ ހިލާފަށް އެހެން ގޮތަކަށް އަމަލު ކުރަމުންދާ މަންޒަރު ކަމަށެވެ. ނަމަވެސް އަމުރާ ހިލާފަށް އެހެން ގޮތަކަށް ސަރުކާރުން އަމަލު ނުކުރެވޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.

"ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަވާން ސަރުކާރަށް ގޮވާލަން، އަމުރު ކުރުމަށޭ ކިޔާފައި ކުރަމުންދާ މަސައްކަތުން އެކުރެވެނީ ދައުލަތުގެ ނިޒާމް ހައިޖެކް ކުރުން." ހިސާން ވިދާޅުވި އެވެ.

ކުރީގެ ޑެޕިއުޓީ ޕާޖީ ހުސެއިން ޝަމީމް ވިދާޅުވީ، ސަރުކާރުން ބަންދުގައި ތިބި މީހުން ދޫކޮށްލަން އަމުރުކޮށްފައިވާއިރު އެނޫން އެހެން ކަމެއް ކުރާނަމަ އެއީ ގާނޫނީ ކުށެއް ކަމަށެވެ. އަދި އެފަރާތްތަކާމެދު ފިޔަވަޅުވެސް އެޅިގެންދާނެ ކަމަށެވެ.

ޝަމީމް ވިދާޅުވީ، އެޖީ އަސް އުއްތަމަ ފަނޑިޔާރާއި މަޝްވަރާ ނުކުރެވޭނެ ކަމަށާއި އެއީ އެއްވެސް ގައުމެއްގައި އެކަން ކުރާގޮތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، އޭޖީން ފަނޑިޔާރުންނާއި ބައްދަލުކުރުމަކީ ގާނޫނީ ކުށެއް ކަމަށާއި ފަނޑިޔާރުންނާ މަޝްވަރާ ކުރުމަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ.

"ފަނޑިޔާރުންނާ މަޝްވަރާއެއް ނުކުރެވޭނެ، އެއީ އެއްވެސް ތަނެއްގައި ކުރެވޭނެ ކަމެއްް ނޫން، އޭޖީ އަކަށް ފަނޑިޔާރުންނަށް ބައްދަލެއް ނުކުރެވޭނެ، އެއީ ގާނޫނީ ކުށެއް،" ޝަމީމް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ދޫކޮށްލަން އަމުރު ކުރި ނުވަ ބޭފުޅުން މިހާރު ތިއްބެވީ ގާނޫނާ ހިލާފު ބަންދެއްގަ ކަމަށް ކަނޑައަޅަން ކުރިމިނަލް ކޯޓަށް ހެބިއަސް ކޯޕަސްއެއް ވެސް ވަކީލުން ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލާގެ އަޑުއެހުމެއް މިރޭ ބާއްވާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކަމަށް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.