1 ފެބުރުއަރީގެ އަމުރު

ސިޔާސީ ކަންކަމާ މި ހުރީ ދުރުގައި، ކޮމެންޓެއް ނެތް: ފަލާހު

ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ހުކުމާއި ގުޅިގެން އެއްވެސް ކޮމެންޓެއް މިވަގުުތު ދެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު، އަދި އެ ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިބުރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓްގެ އަމުރާއި ގުޅިގެން "އަވަސް" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ، މިވަގުތު އުޅުއްވަނީ ސިޔާސީ ކަންކަމާ ތަންކޮޅެއް ދުރުގައި ކަމަށާއި އެކަމާ ގުޅިގެން މިވަގުތު އެއްވެސް ކޮމެންޓެއް ދެވެން ނެތް ކަމަށެވެ.

"މިވަގުތު އެއްވެސް ސިީޔާސީ ވާހަކައެއްގެ ތެރޭގައި ނުވަތަ ކަމެއްގެ ތެރޭގައި ނޫޅުއްވަން، މިވަގުތު މިހުރީ ޗުއްޓީއެއްގައި، އެކަމާ ގުޅޭގޮތުން މިވަގުތު ކޮމެންޓެއް ދެވޭކަށް ނެތް،" ފަލާހު ވިދާޅުވި އެވެ.

ޕީޕީއެމްގެ ގަދަ އަޑަކަށް މީގެ ކުރިން ވެފައިވާ ފަލާހު ފަހަކަށް އައިސް އެޕާޓީން ބާއްވާ ޖަލްސާތަކާއި އެޕާޓީގެ ގިނަ ހަރަކާތްތަކަކުން ވަނީ ގެއްލިފަ އެވެ. ޕީޕީއެމްގެ އެންމެ އިސްވެރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ފަލާހު ފެނިފަ އެއް ނުވެއެވެ.

ސުޕްރީމް ކޯޓްގެ ހުކުމާއި ގުޅިގެން ޕީޕީއެމުން ދަނީ ސަރުކާރުގެ ދިފާއުގައި ވަރަށް ގިނަ ވާހަކަތައް ދައްކަމުންނެވެ. އެގޮތުން މިއަދު ވެސް އެޕާޓީން ވަނީ ނޫސްވެރިންގެ ބައްދަލުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ މެދު ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ވަނީ ސުވާލުތަކެއް އުފައްދާފަ އެވެ. އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް ސަރުކާރުގެ އެއްވެސް ފަރާތަކުން ބުނެފައި ނުވާނެ ކަމަށާއި ނަމަވެސް ރައީސް އަބްދުﷲ ޔާމީނަކީ ހަމަހަމަ ކަމަށް ލޯބި ކުރައްވާ ބޭފުޅަކަށްވާތީ ހުކުމުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން އެ ހުކުމް ދިރާސާ ކުރަމުން ގެންދާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ސަރުކާރުން އަދިވެސް ވަކި ގޮތަކަށް އަމަލުކޮށްފަ އެއް ނުވެ އެވެ. އަމުރު އިތުރަށް ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށް ބަންޑާރަ ނައިބް މުހައްމަދު އަނިލް ވަނީ ވިދާޅުވެފަ އެވެ. އަދި އުއްތަމަ ފަނޑިޔާރާއި މަޝްވަރާ ކުރައްވައި ޑިއު ޕްރޯސެސްއާ އެއްގޮތަާށް އަމުރު ކުރިއަށް ގެންދަން އަންގަންވާފައިވާ ކަމަށް އޭޖީ އަނިލް ވަނީ އިއްޔެ ވިދާޅުވެފަ އެވެ.