1 ފެބުރުއަރީގެ އަމުރު

ކުންފުނިތަކުގެ މުވައްޒަފުން ޕީޕީއެމްގެ މުޒާހަރާއަކަށް ނެރެނީ

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން މިއަދު ބާއްވާ ސަރުކާރާ އެއްކޮޅު މުޒާހަރާ އަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވާން އަންގަމުންދާކަން ހާމަވެއްޖެ އެވެ.

މިއަދު ހަވީރު ޕީޕީއެމްއިން ބާއްވަން ރާވާފައިވާ ސަރުކާރަށް ތާއީދު އޮތްކަން ދައްކާލާ މުޒާހަރާގައި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ނިކުތުމަށް ކުންފުނީގެ އިސްވެރިން ވައިބާ ގްރޫޕްތަކަށް ފޮނުވާ މެސެޖްތައް ވަނީ އާންމުވެފަ އެވެ. އެގޮތުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކަށް ކުންފުނިތަކުގެ އިސްވެރިން ފޮނުވާފައިވާ މެސެޖް ތަކެއްގެ ސްކްރީން ޝޮޓްތައް މިހާރު ވަނީ ދައުރުވާން ފަށައިފަ އެވެ.

އެގޮތުން ފެނަކަ އަދި އެމްއާރްޑީސީގެ މުއައްޒަފުންނަަށް ކުންފުނީގެ އިސްވެރިންކޮށްފައިވާ މެސެޖްތަކުގައި ވަނީ، ސަރުކާރާ އެއްކޮން ތިބިކަން ހާމާކޮށް ދިނުމަށް ބާއްވާ އިވެންޓެއް މިއަދު ހަވީރު އޮންނާނެ ކަމަށެވެ. އަދި އެ އިވެންޓްގައި ހުރިހާ މުވައްޒަފުންނާއި، އެ މުވައްޒަފުންގެ އާއިލާތަކުން ބައިވެރުވުމަށް އެދޭ ކަމަށެވެ.

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އަށް އޮތް ތާއީދު ދެއްކުމުގެ ގޮތުން މިއަދު ހަވީރު ބާއްވާ އިވެންޓްގައި މުވައްޒަފުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަަމަށްވެސް އެ މެސެޖްތަކުގައި ވެއެވެ.

މީގެ އިތުރުން އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތަކުގައި، ސަރުކާރު މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާއިން ބައިވެރިވާނަމަ، އެ މުވައްޒަފަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ މައްސަލަތަކެއް ވެސް ދަނީ ފެންމަތިވަމުންނެވެ.

ޕީޕީއެމުން މީގެ ކުރިންވެސް ވަނީ އެޕާޓީގެ ޖަލްސާ ތަކުގައި ބައިވެރިވުމަށް ސަރުކާރު މުއައްޒަފުންނަށް މަޖުބޫރު ކުރި ކަމުގެ މައްސަލަތަކެއް ފެންމަތިވެފަ އެވެ. އެކަމާ ގުޅިގެން ޕީޕީއެމުން މީގެ ކުރިން ބުނީ، ޕީޕީއެމް ޖަލްސާގައި ބައިވެރި ނުވާ ސަރުކާރު ކުންފުނިތަކާއި ސަރުކާރުގެ މުއައްޒަފުންނާ ސުވާލު ކުރާނެ ކަމަށާއި އެކަމަކު އެއީ މަޖުބޫރު ކުރުމެއް ނޫން ކަމަށެވެ. އަދި އެއްވެސް މުއައްޒަފަކަށް މަޖުބޫރު ނުކުރާނެ ކަމަށާއި ސަރުކާރު މުއައްޒަފުން ރައީސް ޔާމީން ބައިވެރިވާ ޖަލްސާއެއްގައި ބައިވެރިވާން ދައުވަތު ދިނުމަކީ އިންޒާރުދީ މަޖުބޫރު ކުރުން ނޫން ކަމަށެވެ.

މީގެ ކުރިން ޕީޕީއެމުން ބޭއްވި ޖަލްސާތަކުގައި ސަރުކާރު މުއައްޒަފުން ބައިވެރިވާން އަންގައި ބައިވެރިނުވާ މުއައްޒަފުންނާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެމުންދިޔަ ކަމުގެ މައްސަލަވަނީ ފެތުރިފަ އެވެ. އަދި އިދިކޮޅު ޖަލްސާތަކުގައި ބައިވެރިވި މުއައްޒަފުން ވަޒީފާއިން ވަކިކުރި މައްސަލަތަކެއްވެސް މީގެ ކުރިންވަނީ ފެންމަތިވެފަ އެވެ.