ބޮލީވުޑް

އަހަންނާ އެކު ތިބި އެންމެނަށް ޝުކުރިއްޔާ: ސަލްމާން

May 9, 2015

އެކްސިޑެންޓްގައި މީހަކު މަރުވި މައްސަލައިގައި ބޮލީވުޑްގެ ތަރި ސަލްމާން ޚާން ފަސް އަހަރަށް ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ނިމެންދެން މިނިވަނެއްގެ ގޮތުގައި ހުރެވޭ ގޮތަށް ހައި ކޯޓުން އަމުރު ކުރުމާ އެކު ސަލްމާން އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފި އެވެ.

ސަލްމާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަށް ދައުވާއެއް މިދިއަ އަންގާރަ ދުވަހު ސާބިތުވެ، ޖަލަށް ލުމަށް ހުކުމްކުރިފަހުން އޭނާ ފުރަތަމަ ކުރި ޓްވީޓްގައި ވަނީ އޭނާ އަށް ދުއާކޮށް، އެންމެ ހިތާމަވެރި ދަނޑިވަޅުގައި ވެސް އޭނާއަށް ސަޕޯޓްކުރި ހުރިހާ ފަރާތަކަށް ޝުކުރުއަދާކޮށްފަ އެވެ.

ސަލްމާން މި ޓްވީޓްކޮށްފައި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރު ހައި ކޯޓުން އިއްޔެ ނެރުނުތާ ގިނަ އިރުތަކެއް ނުވެ އެވެ.

މުމްބާއީ ހައި ކޯޓުން އިއްޔެ އަމުރު ނެރުމާ އެކު ސަލްމާންގެ ސަޕޯޓަރުންގެ އެތަކެއް ހާސް ބަޔަކު ވަނީ ކޯޓުގެ ބޭރުގައި އުފާފާޅުކޮށްފަ އެވެ.

މީގެ އިތުރުން ވެސް އެތަކެއް ހާސް ސަޕޯޓްރުންނެއް ވަނީ ސަލްމާން ދިރިއުޅޭ ގެ ކައިރިއަށް ވެސް އެއްވެ އުފާފާޅުކޮށްފަ އެވެ. އެގޮތުން އެތައް ބަޔަކު ވަނީ އުފާފާޅުކުރުމުގެ ގޮތުން ބަޑިބޭހުގެ ކުޅިވަރުތައް ބާއްވައި، ނަށައިފަ އެވެ. ކޯޓުން އެނބުރި ގެއަށް ގޮސް ސަލްމާން ވަނީ އޭނާއަށް ތާއީދުކުރުމުގެ ގޮތުން ގެ ކައިރިއަށް އެއްވެ ތިބި ސަޕޯޓަރުންނަށް، ގޭގެ ބެލްކަނީގައި ހުރެގެން އަތުން އިޝާރާތްކޮށްލާފަ އެވެ. އަދި އަތުން ކާމިޔާބީގެ ނިޝާން ވެސް ދައްކާލި އެވެ.

އިސްތިއުނާފު މައްސަލައިގެ އެންމެ އަޑުއެހުން ދެން އޮންނާނީ އަންނަ ޖުލައި މަހު އެވެ.

މީގެ 13 އަހަރު ކުރިން، ސެޕްޓެމްބަރު 28، 2002 ވަނަ ދުވަހުގެ ރޭ، ސަލްމާންގެ ކާރު މަގުމަތީ ނިދާފައި ތިބި ބައެއްގެ ގައިމަތިން ގޮސް އެކަކު މަރުވެ ފަސް މީހަކު ޒަހަމްވި މައްސަލާގައި، އިހުމާލުން މީހަކު މަރުވުމުގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ އަންގާރަ ދުވަހު އެވެ. 

ގިނަ އަދަދެއްގެ ސަޕޯޓަރުންނެއް އަންނަނީ "ސަލްމާން ފްރައިޑޭ ރިލީޒް" ހޭޝްޓެގް އެއް ހަދައި، ގޭގައި ހުރުމުގެ ހުއްދަ ކޯޓުން ދިނުމުގެ އުފާ ޓްވިޓާގައި ވެސް ފާހަގަކުރުމުންނެވެ.

ބެލެވޭގޮތުގައި ސަލްމާން އަންނަ އާދިއްތަ ދުވަހު އޭނާ ޝޫޓްކުރަމުން އައި ފިލްމު "ބަޖްރަންގީ ބައިޖާން" ގެ ޝޫޓިން އަށް ކަޝްމީރަށް ދާނެ އެވެ.

ކަބީރް ޚާން ޑައިރެކްޓްކުރާ މިފިލްމުގެ ބަތަލާ އަކީ ކަރީނާ ކަޕޫރެވެ.