1 ފެބުރުއަރީގެ އަމުރު

ރާއްޖޭގައި އުޅޭ އެމެރިކާ، ޔޫކޭ ރައްޔިތުން ސަމާލުވާން އަންގައިފި

ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ހަމަ ނުޖެހުން އިތުރުވެދާނެތީ، ރާއްޖޭގައި އުޅޭ އެމެރިކާ އަދި އިނގިރޭސި ވިދާލާތުން ރައްޔިތުން ސަމާލުވުމަށް އެގައުމު ތަކުން ގޮވާލައިފި އެވެ.

ސްރީލަންކާގައި ހުންނަ ޔޫއެސްގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ސިޔާސީ މަސްރަހު މިވަގުތު ވަރަށް ހަލަބޮލިވެފައިވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މަސްރަހު އިތުރަށް ހޫނުވެ ހަމަނުޖެހުން އިތުރުވެދާނެ ކަމަށެވެ. އެހެން ކަމުން ރާއްޖޭގައި މިހާރު އުޅޭ ޔޫއެސްގެ ރައްޔިތުން އެކަންކަމަށް ސަމާލުވެ ހަމަނުޖެހުން ހިނގާ ތަންތަނަށް ނުދިއުމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، އެމީހެއްގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ތިބުމަށާއި ރާއްޖޭގެ ސަލާމަތީ ބާރުތަކުން އަމަލުކުރަން އަންގާ ގޮތަށް އަމަލު ކުރުމަށްވެސް އެމްބަސީން ގޮވާލާފައި ވެއެވެ.

"ރާއްޖޭގައި އޮންނަ އެއްވުންތަކަކީ ޕީސްފުލް އިވެންޓް ތަކެއް ނަމަވެސް އެއިވެންޓްތައް ހަލަބޮލިވުން އެކަށީގެންވޭ، އެހެން ކަމުން އެކަހަލަ އެއްވުންތައް އޮންނަ ސަރަހައްދު ތަކަށް ނުދިއުމަށް ގޮވާލަން،" ޔޫއެސް އެމްބަސީން ބުންޏެވެ.

ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އުފާ ފާޅު ކުރުމުގެ ގޮތުން ބޭއްވި އެއްވުމުގައި ފުލުހުންނާއި ބައިވެރިންގެ ދެމެދު ވަނީ ކުރިމަތިލުމެއް ހިނގާފަ އެވެ. އަދި ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުން ކޮށް އެއްވުން ރޫޅާލާފަ އެވެ.