1 ފެބުރުއަރީގެ އަމުރު

އަމުރު ތަންފީޒު ކުރަން ސަރުކާރަކުން ނޫޅޭ: އިދިކޮޅު

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.

އިދިކޮޅު އިއްތިހާދުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އަމުރު ނެރުނުތާ 48 ގަޑި އިރު ހަމަވުމާ ގާތްވެފައިވާއިރު ވެސް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ސަރުކާރުން އެ އަމުރު ތަންފީޒު ނުކޮށް ދަނީ އެކިއެކި ބަހަނާ ދައްކަމުން ކަމަށެވެ. އަދި ސަރުކާރުގެ އެކިއެކި ފަރާތްތައް ދަނީ ސުޕްރީމް ކޯޓުގެ އެއަމުރާ ހިލާފުވަމުން ކަމަށް ވެސް ބަޔާނުގައި ވެއެވެ.

"ސުޕްރީމް ކޯޓުގެ އެއަމުރު ތަންފީޒު ކުރުމުގެ ނިޔަތް ސަރުކާރުގައި އޮތް ކަމަކަށް ނުދެކެން، އެހެންކަމުން، ސަރުކާރުން އެޢަމުރު ތަންފީޒު ކުރުވުމަށްޓަކައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރާނަން،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، އެ އަމުރުގެ ސަބަބުން ރާއްޖޭގެ ޖުޑީޝަރީ އާއި ކުރިމަގާމެދު މުޅި ދުނިޔެ ވަނީ އުއްމީދީ ނަޒަރަކުން ބަލަން ފަށާފައި ކަމަށާއި ރާއްޖޭގައި މިވަގުތު ހިނގަމުންދާ ކަންކަން ބައިނަލްއަގްވާމީ މުޖްތަމައުން ދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވުމަށާއި، މިހާރުން މިހާރަށް އެއަމުރު ތަންފީޒު ކުރުމަށް މުޅި ބައިނަލްއަގްވާމީ މުޖްތަމައު އެކުގައި ވަނީ ދިވެހި ސަރުކާރަށް ގޮވާލާފައި ކަމަށް ބަޔާނުގައި ވެއެވެ.

" ... އެ އަމުރާ ހިލާފަށް ސަރުކާރުން ކުރާ އެއްވެސް ކަމަކީ ބައިނަލްއަގްވާމީ މުޖްތަމައު ގަބޫލުކުރާނެ ކަމެއް ނޫންކަން އެފަރާތުން އެވަނީ ސާފު ޢިބާރާތުން ބުނެފަ،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ވަނީ، ސުޕްރީމް ކޯޓުގެ އެއަމުރު ތަންފީޒު ކުރަން ދިވެހީން ކުރާ މަސައްކަތުގައި ރާއްޖޭގެ އެކުވެރި ގައުމުތަކާއި ޖަމާއަތްތަކުން އެއްބާރުލުން ދޭނެކަމަށެވެ. އަދި ގާނޫނުއަސާސީގެ ބޭރުން ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ކަންކަން ހުއްޓުވައި، ދިވެހީންނަށް އަނބުރާ ރާއްޖެ ހޯދައިދިނުމަށް ކުރަންޖެހޭ ކަންކަން އެގައުމުތަކުންނާއި ޖަމިއްޔާތަކުންވެސް ކުރާނެ ކަމަށް ބަޔާނުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ އަމުރު ނެރުނުތާ 48 ގަޑިއިރުވާން ކައިރިވެފައިވާ އިރު ސަރުކާރުން އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން އަދިވެސް ދަނީ އިތުރު ބަހަނާ ތަކެއް ދައްކަމުންނެވެ. އެގޮތުން މިއަދު ހަވީރު ޕީޕީއެމުން ބޭއްވި ހިނގާލުމުގައި ރައީސް ޔާމީން ވިދާޅުވީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ގުޅިއްޖެ ކަމަށާއި މިހާރު ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކައި މަޝްވަރާ ކުރަމުންދާ ކަމަށެވެ.