ވިޔަފާރި

އާ ގިނަ ބްރޭންޑްތަކާއެކު އެސްޓީއޯ އިލެކްޓްރޯނިކްސް ހުޅުވައިފި

އާ ގިނަ ބްރޭންޑްތަކާއެކު އެސްޓީއޯ އިލެކްޓްރޯނިކްސް އަލުން މިރޭ ހުޅުވައިފި އެވެ.

ސިޓީ ސްކެއާ (އުމަރު ޝޮޕިން އާކޭޑް) ގައި އެސްޓީއޯ އިލެކްޓްރޯނިކްސް ހުޅުވައި ދެއްވީ އެ ކުންފުނީގެ ޗެއާމަން ހުސެއިން ސާލިމް އެވެ.

ހަ އަހަރުގެ މެދުކަނޑުމަކަށްފަހު، އެސްޓީއޯ އިލެކްޓްރޯނިކްސް ހުޅުއްވައި ދެއްވަމުން ޗެއާމަން ސާލިމް ވިދާޅުވީ
"އެންމެންގެ އެސްޓީއޯ" އިން ގިނަ ކާމިޔާބީ ތަކެއް ހޯދަމުންދާ ކަމަށެވެ.

"އެންމެންގެ އެސްޓީއޯ އިން ދިން އެންމެ ބޮޑު ކާމިޔާބީއަކީ މާލެ އިން ބަސްތާތަށް ނެގުން. ރެޑީމިކްސް ސިމެންތި ގެނައުން. ޖެނުއަރީ 28 ގައި މި ވަނީ އެސްޓީއޯ ތެޔޮ ގްރާބު ގެނެސްފައި. މިއީ އެސްޓީއޯގެ ތާރީހުގައި ފެނިފައި އޮތް ކަމެއް ނޫން،" ސާލިމް ވިދާޅުވި އެވެ.

އެސްޓީއޯގެ ޖެނެރަލް މެނޭޖަރު ހޯމްއިޕްރޫވްމަންޓްސް މުހައްމަދު މުރާދު ވިދާޅުވީ މި ޝޯރޫމް ހުޅުވިއިރު އެންމެ ބޮޑަށް ބެލީ، ކަސްޓަމަރުން ބޭނުންވާ ސާމާނު ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ.

"ކަސްޓަމަރުން ރިކުއެސްޓްކުރީ ލެޕްޓޮޕް ލިބޭނެ ގޮތް ހެދުމަށް. މީގެ އިތުރުން އާ ޝޯރޫމްގައި މޮބައިލް ފޯނާއި އަގު ހެޔޮ އޯޑިއޯ، ވީޑިއޯ ސާމާނު ވެސް ހުންނާނެ. މި ޝޯރޫމްގައި ހުރި އެއްޗިއްސަށް ވެސް ވޮރަންޓީ ދޭނެ،" މުރާދު ވިދާޅުވި އެވެ.

"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެސްޓީއޯގެ މާކެޓިން މެނޭޖަރު އައިމިނަތު ޝުރުފާ ވިދާޅުވީ އާ ޝޯރޫމްގައި އަލަށް ގިނަ ޕްރޮޑަކްޓްތަކެއް ގެނެސްދީފައިވާނެ ކަމަށެވެ. މިފަހަރު ގެނެސްދީފައިވާ އާ ޕްރޮޑަކްޓްތަކުގެ ތެރޭގައި ޖޭބީއެލްގެ ސައުންޑްބާ އާއި އެކި ބްރޭންޑްތަކުގެ ހެޑްފޯނާއި ޑެލްގެ އެޕްޓޮޕް އާއި އިންޑޯ އައިޕީ ކެމެރާ އަދި ވާވޭ އާއި އައިފޯނު ވެސް ލިބެން ހުންނާނެ ކަމަށެވެ.

އެސްޓީއޯ އިން ވަނީ އާ ޝޯރޫމާއެކު ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ. މިގޮތުން މި ޕްރޮމޯޝަން ކުރި އަށް ދާއިރު 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ކޮންމެ ހަފުތާއަކު ނަސީބުވެރި ފަރާތެއް ނަގައި، 20،000ރ. ގެ އިނާމެއް ވެސް ލިބޭނެ އެވެ. މީގެ އިތުރުން "ވިޒިޓް އެންޑް ވިން" ނަސީބުވެރިއެއް ކޮންމެ ދުވަހަކު ނަގައި، ޓީވީ އަކާއި ހެޑްފޯނެއް ލިބޭނެ އެވެ.

އެސްޓީއޯ އިލެކްޓްރޯނިކްސްއަކީ ކުރިން މާލޭގައި ހިނގި އެންމެ މަޝްހޫރު ފިހާރައެވެ. ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި މިތަނުން ގިނަ ބްރޭންޑްތަކެއް ވެސް ވިއްކި އެވެ. އެ ފިހާރަ ހުޅުވާފައިވަނީ އިލެކްޓޯނިކްސް ސިޑިއެއްވެސް ހިމަނައިގެންނެވެ.