1 ފެބުރުއަރީގެ އަމުރު

ފުލުހުން ފާރިސް މިނިވަންކޮށް ލޯންޗަށް ވެސް އެރުވި: ވަކީލުން

ސިޔާސީ ނުވަ ބޭފުޅެއް ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުންގެ ބަންދުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މިނިވަންވިކަން އޭނާއަށް ފުލުހުން އެ ރޭ އެންގި ކަމަށް ވަކީލުން ވިދާޅުވެއްޖެ އެވެ.

ފާރިސްއާ ބައްދަލު ކުރެއްވުމަށް ފަހު އޭނާގެ ގާނޫނީ ވަކީލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫން ހަމީދު ވިދާޅުވީ، ސުޕްރީމް ކޯޓުން އަމުރު ނެރުނުތާ ގަޑިއިރެއްހާއިރު ފަހުން ފާރިސް މައުމޫން މިނިވަންވެފައިވާ ކަމަށް ފުލުހުން އޭނާއަށް އެންގި ކަމަށް ފާރިސް ވިދާޅުވި ކަމަށެވެ. އަދި މިނިވަން ކުރުމަށްފަހު ފާރިސް ލޯންޗަކަށް އެރުވިކަން ވެސް ފާރިސްގެ ފަރާތްޕުޅުންނާއި އެތަނުގައި ތިބި ފުލުހުންގެ ފަރާތުން އެނގިފައިވާ ކަމަށެވެ.

އަމުރު ނެރުނުތާ މަދު އިރުކޮޅެއްގެ ތެރޭގައި ފާރިސް މިނިވަން ކުރުމުން އެނގިގެން ދަނީ އެކަމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަކެއް ނެތްކަން ކަމަށާއި މިހާރު ދައުލަތުގެ މުއައްސަސާތަކުން އިޖުރާއަތްތައް ފުރިހަމަ ކުރަނީ ކަމަށް ބުނެ އޮޅުވާލަނީ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

މައުމޫން ހަމީދު ވިދާޅުވީ، މީހަކު ބަންދުގައި ބެހެއްޓޭނީ ކޯޓު އަމުރެއް އޮވެގެން ކަމަށާއި ސުޕްރީމް ކޯޓުގެ އަމުރާއެކު ފާރިސް މިނިވަންކޮށް މިހާރު އޭނާ ބަންދު ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. މިހާރު އޭނާ ބަންދުގައި ބެހެއްޓުމަށް އެއްވެސް ކޯޓު އަމުރެއް ނެތް ކަމަށެވެ. އެއީ ރަހީނުކުރުން ކަމަށާއި އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް މައުމޫން ހަމީދު ފާހަގަކުރެއްވި އެވެ.

"މިނިވަން ކުރުމަށްފަހު އަނެއްކާ އޭނާ ބަންދުކުރީ ކަމަށް ފުލުހުން ބުނާއިރު މިހާރު އޭނާ ބަންދު ކުރުމަށް ގާނޫނީ ގޮތުން ސައްހަ ކޯޓު އަމުރެއް ނޯންނާނެ، ސައްހަ ކޯޓު އަމުރެއް ނެތި ހައްޔަރެއް ނުކުރެވޭނެ، ފާރިސް ދޫނިދޫގައި ކުށެއް ކުރެއްވި ކަމަށް އެއްވެސް ތުހުމަތެއް ކޮށްފައެެއް ނުވޭ، މި ވިދާޅުވަނީ ބަންދުކުރީ ކުރީ އަމުރުގެ ދަށުން، މިއީ ގާނޫނީ ގޮތުން ހިނގާ ކަންކަމެއް ނޫން، ހާއްސަކޮށް މިނިވަން ކަމެއް މީހެއްގެ ނަގާލުމުގަ އާނ މި ބަންދުކުރީ ކުރީގެ އަމުރުގެ ދަށުން ނުބުނެވޭނެ،" މައުމޫން ހަމީދު ވިދާޅުވި އެވެ.

ފާރިސްގެ އަނެއް ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ، މިނިވަން ކުރުމަށްފަހު މިހާރު ބަންދުކޮށްގެން އުޅޭތީ އެކަމުގައި ފިޔަވަޅު އަޅަން ފާރިސް ބޭނުންވާ ކަމަށެވެ. އެހެންވެ، ފާރިސް މިހާރު ބަންދުކޮށްގެން ގެންގުޅުމުގައި ބައިވެރިވާ އެންމެންގެ މައްސަލަތައް ކަމާބެހޭ މުއައްސަސާތަކަށާއި ކޯޓުތަކަށް ހުށަހެޅުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ.

ފާރިސްގެ ވަކީލުން މިކަން ހާމަކުރެއްވިއިރު، ސުޕްރީމް ކޯޓުގެ އަމުރު ނެރުނުތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އޭރުގެ ސީޕީ އަހުމަދު އަރީފް ވަނީ އެ އަމުރު ތަންފީޒު ކުރަމުންދާކަން ހާމަކުރައްވާފަ އެވެ. ނަމަވެސް އޭގެ އިރުކޮޅެއްގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން ވަނީ ފޯނުން އަރީފަށް ނުގުޅުއްވޭ ކަމަށް ވިދާޅުވެ މަގާމުން ދުރުކޮށްފަ އެވެ. އޭގެ ފަހުން ފުލުހުންގެ ހިންގުން ދެ ބޭފުޅަކަށް ވަނީ ހަވާލުކޮށްފަ އެވެ. ސީޕީ އަރީފް މަގާމުން ވަކިކުރި ފަހުން ފުލުހުންގެ ސްޓޭންޑަށް ބަދަލު ގެނެސް، އަމުރު ތަންފީޒު ކުރާނީ ބަންޑާރަ ނައިބާއި ޕީޖީގެ ލަފާގެ މަތިން ކަމަށް ވަނީ ބުނެފަ އެވެ.