1 ފެބުރުއަރީގެ އަމުރު

މަޖިލީހުގެ މެޖޯރިޓީ ނެތަސް މަސައްކަތެއް ނުހުއްޓޭނެ: ޕީޕީއެމް

ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ ގެއްލުނަސް ފަހެއް ނުޖެހޭނެ ކަމަށާއި ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއް ރަހީމް މިހެން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން މެންބަރުކަން ގެއްލުނު ކަމަށް ކުރިން ކަނޑައަޅާފައިވާ 12 މެންބަރުންނަށް ވެސް ޖަލްސާތަކުގައި ބައިވެރިވެވޭނެ ކަމަށް މަޖިލީހުގެ އަމީންއާންމް ވިދާޅުވެފައި ވަނިކޮށެވެ. އެ 12 މެންބަރުން ހިމަނައިގެން އިދިކޮޅު ފަރާތްތަކަށް 45 މެންބަރުންގެ އަގުލަބިއްޔަތު މަޖިލީހުގެ ތެރޭގައި ލިބޭނެ އެވެ.

ޕީޕީއެމް އިން މިއަދު ތިން ވަނަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމަށް އިޝާރާތް ކުރައްވާ އަބްދުއް ރަހީމް ވިދާޅުވީ މެޖޯރިޓީ އޮތީ ކޮން ފަޅިއެއްގައި ކަން އެނގޭނީ މަޖިލީހުގެ ޖަލްސާތައް ބާއްވާ ދުވަހަކުން ކަމަށެވެ. ނަމަވެސް ޖަލްސާތައް ފަށާއިރު އިދިކޮޅު ފަރާތްތުގައި އަގުލަަބިއްޔަތު އޮތަސް އެކަމާ ފަސްޖެހި ބިރުން ނުތިބޭނެ ކަމަށާއި ރައްޔިތުންގެ ހައްގުގައި ނިކުމެ މަސައްކަތްތައް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ހަމައެކަނި މެޖޯރިޓީގައި މަސައްކަތް ކުރަން ދަންނަ ބައެއް ނޫން، އަޅުގަނޑުމެންނަށް އެނގޭނެ މައިނޯރިޓީގައި ވެސް މަސައްކަތް ކުރަން. އެމްޑީޕީގެ ވެރިކަން މި ރާއްޖޭގައި އޮތް އޮރު އަޅުގަނޑުމެން މަޖިލީހުގެ ތެރޭގައި މަސައްކަތް ކުރަމުން އައީ ސާފު އަގުލަބިއްޔަތެއް އޮވެގެނެއް ނޫން، އެހެން ނަމަވެސް ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭ ހުރިހަ މަސައްކަތެއްކޮށް ކާމިޔާބު ހޯދިން،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އަބްދުއް ރަހީމް ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ނުކުރަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަ ކަމަށެވެ. ނަމަވެސް 12 މެންބަރުންނަށް ވެސް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވޭނެ ކަމަށް މަޖިލީހުން ބުނުމުން ވެސް އެއީ އެފަދަ ކަމެއް ކުރަން ނޫޅޭ ކަން ސާބިތުވުން ކަމަށެވެ.

"މަޖިލީހަކީ ދައުލަތުގެ އެއް ބާރު، ގައިމު އެ ބާރުގެ މައްޗައް ސަރުކާރުން ނުފޫޒު ފޯރުވާނަމަ މަޖިލީހުން އެހެން ނުބުނާނެ،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން އަަމުރު ކުރި މެންބަރުންނަށް މީގެ ކުރިން ވަނީ މަޖިލީހުގެ އިދާރާ ތެރެއަށް ވަނުމަށް ހުރަސް އަޅާފަ އެވެ. އަދި މަޖިލީހަށް ވަތް ކަމަށް ބުނެ ދައުވާތަކެއް ވެސް ތިން މެންބަރަކަށް ދައުވާ ކުރި އެވެ. އަދި ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅި ފަހުން އިދިކޮޅު ފަރާތްތަކުން ގެންދިޔައީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރަމުންނެވެ.