1 ފެބުރުއަރީގެ އަމުރު

އަމުރު ތަންފީޒު ނުކުރެވެނީ އުއްތަމަ ފަނޑިޔާރާ ނުގުޅިގެން: އޭޖީ

Feb 4, 2018
13

އަމުރު ތަންފީޒު ނުކުރެވި، ލަސްވަނީ އެ އަމުރާ ގުޅިގެން މަޝްވަރާ ކުރަން ޖެހޭ ކަންތައްތަކުގައި އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ސައީދާ ގުޅަން މަސައްކަތް ކުރި ނަމަވެސް ފޯނު ނަންގަވާފައި ނުވާތީ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

މިރޭ ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އަނިލް ވިދާޅުވީ ސުޕްރީމް ކޯޓްގެ އަމުރާ ގުޅިގެން ޕީޖީގެ ހުރި ގާނޫނީ ކަންބޮޑުވުންތަކެއް އެ އޮފީހުން މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅަން ވަރަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ޕީޖީއަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ނުގުޅިގެން އެކަން ކާމިޔާބު ވެފައި ނުވާ ކަމަށް އަނިލް ވިދާޅުވި އެވެ. އެހެން ކަމުން އެ މައްސަލަ ޕީޖީ ހުށަހެޅުއްވީ އިލެކްޓްރޯނިކް ޒަރިއްޔާއިން ކަމަށް ވެސް ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅޭތޯވެސް މަސައްކަތް ކުރި. އެކަންވެސް ވަނީ ކާމިޔާބުވާގޮތް ނުވެފައި. އަޅުގަނޑު އުއްތަމަ ފަނޑިޔާރާ ގުޅުމަށްވެސް މަސައްކަތް ކުރިން އެކަންވެސް ކާމިޔާބެއް ނުވި،" އަނިލް ވިދާޅުވި އެވެ.

އަމުރު ތަންފީޒު ކުރުން ލަސްވަނީ ގާނޫނީ ކަންކަން ފުރިހަމަ ނުވާތީ ކަމަށް ވިދާޅުވި އެވެ. އަދި ރައްޔިތުން ކެތްތެރިވެ ވަޑައިގަތުމަށާއި ސަރުކާރުން އަމުރު ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވިދާޅުވި އެވެ.

އޭޖީ އިއްޔެ ވިދާޅުވީ އުއްތަމަ ފަނޑިޔާރާ މިހާރު ގުޅިއްޖެ ކަމަށާއި އަމުރު ތަންފީޒު ކުރުމަށް ކުރަން ޖެހޭ ކަންކަން އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން ކުރަމުން އަންނަ ކަމަށެވެ. އަދި ރައީސް ޔާމީން ވެސް މިއަދު ވިދާޅުވީ އުއްތަމަ ފަނޑިޔާރާ ގުޅިއްޖެ ކަމަށާއި ހުކުމް ތަންފީޒު ކުރުމުގެ ކަންކަން ކުރިއަށް ދަނީ އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން ކަމަށެވެ.