1 ފެބުރުއަރީގެ އަމުރު

ސުޕްރީމް ކޯޓް ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ޕީޕީއެމްއިން ފުލުހަށް ހުށަހަޅަނީ

Feb 4, 2018
11
  • އަލީ ހަމީދަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވޭ
  • ފުލުހުންނާ ބައްދަލުކޮށް މައްސަލަ ބަލަން އެދެނީ
  • މައުމޫން އާއި ފަނޑިޔާރުން ގާތްގުޅުންތަކެއް ބާއްވާކަމުގެ ތުހުމަތު

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނުފޫޒު ފޯރުވައި އެބޭފުޅުންނާ އެކު ގާތްގުޅުންތަކެއް ބޭއްވި ކަމަށް ޕީޕީއެމްގެ އިސް އެކްޓިވިސްޓަކު ޕީޕީއެމްގެ މަސްލަހަތު އޮންނަ، ޗެނަލް 13 ގައި ބުނެފައި ވާތީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ނިންމުންތަކަށް މައުމޫން ކިހާ ވަރަކަށް ނުފޫޒު ފޯރުވާތޯ ބެލުމަށް އެ މައްސަލަ ފުލުހަށް ހުށަހަޅަން ޕީޕީއެމް އިން ނިންމައިފި އެވެ.

ހަމައެކަނި ޓީވީއެމް އާއި ޗެނަލް 13 ބައިވެރިކޮށްގެން ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރެއްގެ ގެޔަށް ރައީސް މައުމޫންގެ މުވައްޒަފެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ޒައިދުލް އަމީން ފޮނުވައިގެން ކޯޓްތަކުގެ ބައެއް ނިންމުންތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް އޭނާ ފާޅުގައި ޓީވީ ޗެނަލެއްގައި ބުނެފައިވާ ކަމަށެވެ. އަދި އޭނާ ކުރެއްވި ތުހުމަތުތަކުގައި ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނާއި ރައީސް މައުމޫން ގުޅިގެން އަމުރެއް ނެރުނު ކަމަށް ވެސް ޒައިދުލް އަމީން ތުހުމަތު ކުރާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓް ފަނޑިޔާރު، އަލީ ހަމީދާ މެދުވެސް ޒައިދުލް އަމީން ތުހުމަތުތަކެއް ކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންވެ، އެ މައްސަލަތައް ތަހުގީގު ކުރުމަށް ޕީޕީއެމްގެ ފަރާތުން ފުލުހަށް ހުށަހަޅުއްވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިިއީ ރައީސް މައުމޫންއަށް ކުރެއްވޭ އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް ވެސް ކުރެވޭ ވަރަށް ސީރިއަސް ތުހުމަތު ތަކެއް. އަޅުގަނޑުމެނެއް ނޫން މި ބުނަނީ މި އަމުރަކީ ވެސް މައުމޫން އާއި ފަނޑިޔާރުން ރާވައިގެން ނެރުނު އަމުރެކޭ. ޒައިދުލް އަމީން މި ބުނަނީ. އެހެން ވީމާ، މިކަހަލަ ތުހުމަތުތަކެއް ހުރީމާ އަޅުގަނޑުމެން އެބަ މާދަމާ ފުލުހުންނާ ބައްދަލުކުރަން. މި މައްސަލަތައް އަޅުގަނޑުމެން ފުލުހަށް ހުށަހަޅައި ތަހުގީގު ކުރަން އެދޭނަން. މައުމޫންގެ ނުފޫޒު ފަނޑިޔާރުންނަށް ކިހާވަރަކަށް އޮތްތޯ ބަލަން އަޅުގަނޑުމެން ބޭނުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ މަސްލަހަތު އޮންނަ ޗެނަލް 13 އިން ޒައިދުލް އަމީންއަށް ހާއްސަކޮށް ވަގުތު ދީގެން ގެނައި އިންޓަވިއުގައި ޒައިދު ބުނެފައި ވަނީ ޕީޕީއެމްގެ ލީޑަޝިޕް ރައީސް ޔާމީންއާ ހަވާލުކުރަން ކޯޓަށް ހުށަހެޅި މައްސަލައަށް ނުފޫޒު ފޯރުވަން މައުމޫން ފޮނުއްވައިގެން އޭނާ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދުގެ ގެޔަށް ވަޑައިގެން މައުމޫން ދަންނަވަން ބޭނުންވި ވާހަކަތައް އަލީ ހަމީދަށް ދެންނެވި ކަމަށެވެ. އަދި އެ ވާހަކަތަކުގެ ތެރޭގައި އަލީ ހަމީދު ވިދާޅުވި ކަމަށް ޒައިދުލް އަމީން ބުނެފައި ވަނީ ކުރީގެ ނައިބު ރައީސް އަދީބު އޭނާއަށް ފްލެޓެއް ދެއްވި ކަމަށް އަލީ ހަމީދު ވިދާޅުވި ކަމަށެވެ. އަދި އަދީބާ މެދު މި ސަރުކާރުން ކަންކުރާ ގޮތާ މެދު އަލީ ހަމީދު ހިތްޕުޅު ހަމަނުޖެހޭ ކަމަށް އަލީ ހަމީދު ވިދާޅުވި ކަމަށް ވެސް ޒައިދުލް އަމީން ވިދާޅުވި އެވެ.

"މިހެން ބައިވަރު މިކަހަލަ ކަންކަން ސީދާ އަޅުގަނޑަށް ފެނި ކޮށްފައި ހުރީމާ، މިހާރު މިކޮށްގެން އުޅޭ ކަމަކީ (އަމުރަކީ) އަޅުގަނޑަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ މިއީ ރައީސް މައުމޫން އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު މި ބޭފުޅުން ގުޅިގެން ރާވައިގެން ކޮށްގެން އުޅޭ ކަމެއް ކަން. އެއީ މި ތިން ބޭފުޅުން (މައުމޫން، އަލީ ހަމީދު އަދި އަބްދުﷲ ސައީދަކީ) މިއީ ވަރަށް ގާތް ރަހުމަތްތެރިން. ގާތް ގުޅުންތައް ބާއްވަވާ،" ޗެނަލް 13 އިން ދެއްކި އިންޓަވިއުގައި ޒައިދުލް އަމީން ބުންޏެވެ. އަބްދުއްރަހީމް ވަނީ މިރޭގެ ޕްރެސްގައި އެ ތުހުމަތުތައް ތަކުރާރު ކުރައްވައި، އެކަންކަން ފުލުހުން ބަލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ ޕްރެސްގައި ވާހަކަ ދެއްކެވި އެހެން ޕީޕީއެމްގެ އިސްވެރިން ވެސް ވިދާޅުވީ، ޒައިދުލް އަމީންގެ ތުުހުމަތުތައް ސީރިއަސް ކަމަށާއި އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އަދި މައުމޫންއަށް ވެސް ގާނޫނުން މަތީގައި ނުހުންނެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. މީގެ އިތުރަށް، ޕީޕީއެމް އިން މިހާރު ވަނީ ތުހުމަތުތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ގޮވާލާ ބަޔާނެއް ވެސް އާންމުކޮށްފަ އެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމުގެ ސައްހަ ކަމާ މެދު އެ ޕާޓީ އިން މީގެ ކުރިން ވަނީ ސުވާލު އުފައްދައިފަ އެވެ. އަދި އެ އަމުރުގައި ދެކޮޅު ނުޖެހޭ ކަންކަން ހުރި ކަމަށް އެ ޕާޓީ އިން މީގެ ކުރިން ބުނެފައިވެ އެވެ. އެހެން ނަމަވެސް ފަހުން ޕީޕީއެމް އިން ބުނަމުން އަންނަނީ، ސުޕްރީމް ކޯޓްގެ އަމުރާ މެދު އެ ޕާޓީ އިން މިހާރު އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.