1 ފެބުރުއަރީގެ އަމުރު

ސަލާމަތީ ހިދުމަތްތަކުން އުޅެނީ އުއްތަމަ ފަނޑިޔާރަށް ހިމާޔަތް ދޭން: އަބްދުއްރަހީމް

Feb 4, 2018
4

ފުލުހުންނާއި ސިފައިން އުއްތަމަ ފަނޑިޔާރުގެ ގެ ގެކޮޅު ކައިރީގައި ހަރަކާތްތެރި ވަނީ އެމަނިކުފާނަށް ހިމާޔަތް ދޭން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުއްތަމަފަނޑިޔާރު ދިރިއުޅުއްވާ ގޭގެ ކައިރީގައި ސަލާމަތީ ހިދުމަތްތަކުން ހަރަކާތްތެރިވާ ނަމަ، އެކަން ކުރަނީ އެމަނިކުފާނަށް ހިމާޔަތް ދިނުމުގެ ގޮތުން ކަމަށެވެ. އަބްދުއްރަހީމް އެހެން ވިދާޅުވާ އިރު އިދިކޮޅު ފަރާތްތަކުން ބުނަނީ އުއްތަމަފަނޑިޔާރު ހައްޔަރު ކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިރޭ އުއްތަމަފަނޑިޔާރު ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރި ކަމަށް، އަޑުފެތުރުނު ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

އުއްތަމަފަނޑިޔާރުގެ ހިމާޔަތަށް ގޮވާލައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ކައިރިއަށް މުޒާހަރާގެ ބައިވެރިން މިރޭ އެއްވެ، އަޑުއުފުލާފައިވެ އެވެ.

ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ، ޒައިދުލް އަމީން މެދުވެރިކޮށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ރައީސް މައުމޫން ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށާއި އެބޭފުޅުންނާއި މައުމޫންއާ މެދު ގާތްގުޅުންތަކެއް އޮންނަ ކަމަށް ޒައިދުލް އަމީން މިރޭ ޗެނަލް 13ގައި ބުނެފައި ވާތީ އެ މައްސަލަތައް ތަހުގީގު ކުރަން ފުލުހަށް ހުށަހަޅާނެ ކަމަށް ޕީޕީއެމް އިން މިރޭ ވަނީ ބުނެފަ އެވެ.