1 ފެބުރުއަރީގެ އަމުރު

ރައީސް އަޒުލުކުރަން އެބައުޅޭ، އެ އަމުރަށް އަމަލެއް ނުކުރާނަން: ސަރުކާރު

ރައީސް އަބްދުﷲ ޔާމީން މަގާމުން ވަކި ކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް އެ އަމުރަށް އަމަލު ނުކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން މިއަދު ބޭއްވި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް އަމުރެއް ނެރޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެއާއެކު ގައުމުގައި ވަރަށް ބޮޑަށް ހަމަނުޖެހުމާއި ނުތަނަވަސްކަން އުފައްދަން ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ގަރާރަކުން ކަން ގާނޫން އަސާސީގެ 100 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި އެކަމުގައި ސުޕްރީމް ކޯޓުގެ ހައިސިއްޔަތެއް އޮންނަނީ އެ ގަރާރުގެ ސައްހަ ކަމާމެދު ސުވާލު އުފެދިއްޖެ ހާލަތެއްގައި އެކަނި ކަމަށް އަނިލް ވިދާޅުވި އެވެ. އެހެން ކަމުން އެއާ ހިލާފަށް ސުޕްރީމް ކޯޓުން އިސްވެ ރައީސް އަޒުލު ކުރަން އުމުރެއް ނެރުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށާއި އެއަށް ސަރުކާރުން އަމަލު ނުކުރާނެ ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.

"ހުރިހާ ކަމެއް ހިންގަން ވާނީ ގާނޫން އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވާއިރު ގާނޫން އަސާސީން ލިބިދީފައި ނުވާ ބާރެއް ބޭނުން ކުރުމުގެ ހައިސިޔަތެއް އެއްވެސް ފަރާތަކަށް ލިބިފައި ނުވޭ،" އަނިލް ވިދާޅުވި އެވެ. "އެހެންކަމުން މިކަންކަމަށް ރިއާޔްކޮށް ބަންޑާރަނައިބުގއެ ހައިސިއްޔަތުން ސުޕްރީމް ކޯޓުން ރައީސް މަގާމުން ވަކި ކުރުމަށް އިސްވެ ކުރާ އެއްވެސް އަމުރަކީ ގާނޫނުގެ ތަރަހައިހެން ވާ ކަމެއް ނޫން މިކަން ވާނީ ގާނޫން ތަންފީޒު ކުރާ ފަަރާތްތަކަށް ސަރީހަކޮށް ދަންނަވާފަ، ގާނޫން އަސާސީއާ ހިލާފަށް ކުރާ އަމުރަކަށް ހުކުމަކަށް ތަބާވުން އެއީކޮށްގެން ނުވާނެ ކަމެއް، އެހެންކަމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓަން އެފަދަ ޣައިރު ގާނޫނީ އެއްވެސް އަމުރަކަށް ސަރުކާރުން ތަބާނުވާނަން،" އަނިލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ބަޔަކެ އެ ހުކުމް ބާތިލު ނުކޮށް މިނިވަން ކުރުމަށް އަމުރުކޮށްފައި އޮތުމުން އެއިން ނިކުންނާނެ ގާނޫނީ މައްސަލަތަކެއް ހުންނާނެ ކަމަށެވެ. އަދި ބައެއް ފަރާތްތަކާ ގުޅޭ ތަހުގީގުތައް ކުރިޔަށް ދަނިކޮށް އެ މީހުން މިނިވަންކުރުމުން ވެސް ދިމާވެދާނެ ބޮޑެތި މައްސަލަތައް ހުންނާނެ ކަމަށާއި އެކަންކަން ފާހަގަ ކުރައްވާ ސުޕްރީމް ކޯޓަށް ޕީޖީން ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އެކަންކަމަށް ހައްލެއް ހޯދާ، އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.