1 ފެބުރުއަރީގެ އަމުރު

ރާއްޖޭގައި އުޅޭ އިރު ސަމާލުވާން ޗައިނާ މީހުނަށް އަންގައިފި

ސިޔާސީ މަސްރަހު ހަލަބޮލިވެ މުޒާހަރާތައް ކުރާތީ ރާއްޖޭގައި އުޅޭ އިރު އަމިއްލަ ސަލާމަތާ ރައްކާތެރިކަަމަށް ސަމާލުވުމަށް ޗައިނާ ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް އަންގައިފި އެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ސަލާމަތީ އިންޒާރުގައި ވަނީ މިހިނގާ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ޑިޕާޓްމަންޓްގެ އިންޒާރުގެ ބަޔާނުގައި ބުނެފައި ވަނީ ވެރިރަށް މާލޭގައި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ބޮޑު އެއްވުމެއް ބާއްވާފައިވާ ކަމަށާއި ރާއްޖޭގެ ހާލަތަށް ކައިރިން ބަލަމުން ދިއުމަށް އެގައުމުގެ ރައްޔިތުންނަށް އިރުޝާދުދޭ ކަމަށެވެ.

"އަދި ކައިރި މުސްތަގުބަލެއްގައި ރާއްޖެއަށް ދާ ނަމަ ފަރުވާތެރިކަމާ އެކު ދިއުމަށެވެ،" ޗައިނާގެ ފޮރިން މިނިސްޓްރީގެ ކޮންސިއުލާ ޑިޕާޓްމަންޓުގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިރުޝާދު ދީފައި ވަނީ ރާއްޖެއަށް ދަތުރުކުރާ ޗައިނާ ރައްޔިތުންގެ އިތުރުން މިތަނުގައިވާ ޗައިނާގެ މުއައްސަސާތަކަށެވެ. އެ ތަންތަ ތަނުން ވެސް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ފަރުވާތެރި ވުމަށް ވަނީ އަންގާފަ އެވެ.

ބައިބޯ ތަންތަނަށް ނުދިއުމަށާއި ކަމެއް ދިމާވެއްޖެ ނަމަ ޗައިނާ އެމްބަސީއަށާއި ފުލުހުންނަށް އެންގުމަށް އިރުޝާދު ދިނުމަށް ފަހު ބުނެފައި ވަނީ އެގޮތަށް ކަންތައް ނުކުރާ ނަމަ އެގޮތަށް ކަންތައް ކުރާ މީހުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި އެހީތެރި ނުވެވިދާނެ ކަަމަށެވެ.

ޗައިނާ އަކީ ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.

އެކި އެކި ހުކުމްތައް ކޮށްފައިވާ ސިޔާސީ ބައެއް ލީޑަރުންނާއި އެހެން ބައެއް މީސް މީހުން މިނިވަން ކުރަން ސުޕްރީމް ކޯޓުން ކުރި އަމުރަކަށް ސަރުކާރުން ގޮން ޖަހަމުން ދާތީ ރާއްޖޭގެ ސިޔާސީ މަޝްރަހު ވަނީ ހަލަބޮލިވެފައެވެ. ނަމަވެސް ރާއްޖޭގައި ބާއްވަމުންދާ އެއްވުންތައް އަދި ކުރިއަށް ދަނީ ސުލްހަވެރިކޮށެވެ. ރާއްޖެ ހަލަބޮލިވުމުން އެމެރިކާއާއި އިނގިރޭސިވިލާތުން ވެސް ވަނީ އެގައުމުގެ ރައްޔިތުން ސަމާލުވާން އަންގާފައެވެ.