އެމެރިކާގެ ލަވަކިޔުންތެރިޔާ ލޭޑީ ގާގާ އޭނާގެ "ޖުއޭން ވޯލްޑް ޓްއާ" ގެ ބާކީ އޮތް 10 ޝޯ ކެންސަލުކޮށްފި އެވެ.
ބޮޑު 10 ސިޓީއެއްގައި ދޭން ތާވަލުކޮށްފައި އޮތް މި ޝޯތައް ކެންސަލު ކުރީ ގާގާ ސިއްހީ ހާލަތު ދަށަށް ގޮސްގެންނެވެ. ގާގާ ދަނީ "ފިބްރޯމައިއެލްގިއާ" -- މުޅި ހަށިގަނޑުގެ އެކި ގުނަވަންތަކުގައި ގަދައަށް ރިއްސުމަށް މެދުވެރިވާ ބައްޔެއް -- އަށް ފަރުވާކުރަމުންނެވެ.
ކެންސަލުކުރީ ލަންޑަން، މެންޗެސްޓާ، ޒުއްރިޗް، ކަލްނު، ސްޓޮކްހޮލްމް، ކޮޕެގެން، ޕެރިސް އަދި ބާލިން ގައި ދޭން އޮތް ޝޯތަކެވެ. މި ޝޯތަަކަށް ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ރީފަންޑު ދޭން ވަނީ ނިންމާފަ އެވެ.
ގާގާ އޭނާގެ އޮފިޝަލް ޓްވިޓާގައި ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ މިވަގުތު އޭނާގެ ހާލު ވަރަށް ދެރަވެފައި ކަމަށާއި މެޑިކަލް ޓީމުގެ އިރުޝާދަ އެއްގޮތަށް ގޭގައި އަރާމުކުރުމަށް މަޑުކުރަން އޭނާ ނިންމާފައިވާ ކަމަށެވެ.
"މިއީ މެޑިކަލް ޓީމުގެ ސަޕޯޓާއެކު އަހަރެން ނެގި ޓަފް ޑިޒިޝަންއެއް. މިވަގުތު އަހަރެންގެ ހާލަތު ހުރި ގޮތުން ލައިވް ޕާފޯމަންސްއެއް ދެވޭ ވަރަށް ވުރެ އަހަރެންގެ ހާލު ދެރަ." ޓުވިޓާގައި ގާގާ ހިއްސާކޮށްފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.
އޭނާ ވަނީ ފޭނުންގެ ކިބައިން ވެސް މައާފަށް އެދިފަ އެވެ.
"ބުނާނެ އެއްޗެއް ވެސް ހަމަ ނޭނގިފަ މިހުރީ. ފޭނުންގެ ކިބައިން ވަރަށް ބޮޑަށް މައާފަށް އެދެން. މި ވަގުތައް ޝޯތައް ކެންސަލުކުރި ނަމަވެސް އަހަރެން ހާލަތު ރަނގަޅުވިހާ އަވަހަކަށް ޝޯތައް ކެންސަލުކުރި ހުރިހާ ސިޓީތަކަށް ދާނަން. ތި އެންމެން ސަޕޯޓަށް ޝުކުރުވެރިވަން. އެންމެދެެކެވެސް ވަރަށް ލޯބިވޭ." ޝޯތައް ކެންސަލުކުރި ސިޓީތަކުގެ ފޭނުންނަށް މެސެޖެއް ދެމުން އޭނާ ބުންޏެވެ.