1 ފެބުރުއަރީގެ އަމުރު

ބަޑި ޖެއްސިއަސް ރައީސް އިސްތިއުފާ ނުދެއްވާނެ: ނިހާން

އުންޑަ ލައްވާފައިވާ ބަޑިއެއް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ބޮލުގައި ޖެއްސެވި ނަމަވެސް އެމަނިކުފާނު އިސްތިއުފާ ނުދެއްވާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

ރުމާލު ދޭއް ޖަގަހާގައި މިހާރު ކުރިއަށްދާ ޖަލްސާގައި ނިހާން ވިދާޅުވީ، ބޮލުގައި ބަޑި ޖެއްސެވި ނަމަވެސް ރައީސް ޔާމީން އިސްތިއުފާ ނުދެއްވާނެ ކަމަށާއި މި ގައުމުގެ ރައްޔިތުން އެ މަނިކުފާނާއި ހަވާލު ކުރި ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރައްވަން ކުރެއްވި ހުވަޔާ އެއްގޮތަށް އަމަލު ކުރެއްވުމަށް ރައްޔިތުންގެ ހައްގުގައި ޖާނާ މާލުން ގުރުބާން ވެ ވަޑައިގަންނަވާނެ ކަމަށެވެ.

ނިހާން ވިދާޅުވީ، ދިވެހި ރާއްޖޭގައި ގާނޫނީ ވެރިިކަން ބާޣާވާތަކުން ވައްޓާލައި ދިނުމަށް އެއްވެސް ޖާގައެއް ނުދޭނެ ކަމަށާއި ޕީޕީއެމްގެ މެންބަރުން ބިމާ ހަމަކޮށްގެން ނޫނީ ވެރިކަން ވައްޓާލަން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ވިދާޅުވީ، މިތިބީ ސާބިތު ކަމާއެކުގައި ކަމަށާއި މިނިވަން ކަމާއި އިސްތިގުލާލު ދިފާއު ކުރާނެ ކަމަށް، އެކަން އޮޅިގެން ނޫޅުމަށް ވެސް ނިހާން ވިދާޅުވި އެވެ.

"ވަޒަން ލައްވާފައިވާ ބަޑިއެއް ޖެއްސިއަސް ރައީސް ޔާމީން އިސްތިއުފާއެއް ނުދެއްވާނެ، މި ގައުމުގެ ރައްޔިތުން ރައީސް ޔާމީންއާ ހަވާލުކުރި ގާނޫނީ މަސްއޫލިއްޔަތާއި ކޮށްފައިވާ ހުވާ އަށް ރައްޔިތުންގެ ހައްގުގައި ޖާނާ މާލުން ގުރުބާން ވާނެ، އެ ޔަގީންކަން ޕާލަމަންޓް ގުރޫމަށާއި މިނިސްޓަރުންނަށާއި ޓީމަށް އޮބެން، އަޅުގަނޑުމެންގެ ތެރޭގައި ވިއްސި ވިހާލި ވުމުގެ ދުވަސް ކޮޅެއް ގޮސްފި، ނަމަވެސް މިހާރު އޮތީ ބަދަހިކަމާއެކު،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ރައްޔިތުން ގަބޫލުކުރާ އަސްލުތަކާއި އުސޫލުތަކާއި އެއްގޮތައް ސަރުކާރު ހިނގަ ހިނގާ އޮއްވާ ރައީސް ޔާމީން ވެރިކަމުން އަޒަލު ކުރުމުގެ އެއްވެސް ހެއްކެއްް ދައުލަތުގެ އެއްވެސް ބާރެއްގެ ތެރެއިން ނުވަތަ ބާރުގެ ބޭރުން ވެސް ބޭނުން ކޮށްފައިވާނަމަ އެކަމަކީ ދިވެހި ދައުލަތުގެ މައްޗަށް ހަނގުރާމަ އިއުލާން ކުރުން ކަމަށެވެ. އެކަން ރައްޔިތުން ބަލައެއް ނުގަންނާނެ ކަމަށެވެ.

"އެފަދަ އަމަލެއްގައި ބައިވެރިވާން ބޭނުންވާ މީހަކު ވިއްޔާ ބުނޭ ސާފުކޮށް، ކެރޭނެ ވަރަށް ސާފުކޮށް ނިކުމެ ގައުމު ދިފާއު ކުރަން، ސިފައިންނާއި ފުލުހުންނާއެކު ނިކުމެ އެފަރާތްތަކަށް ވުރެ ކުރިން އައްޑަނައެއް ގޮތުގައި މޭ ދިއް ކުރާނަން، މިތަނުން ކޮންމެ ބޭފުޅަކު މޭ ދިއްކުރާނެ. އަޅުގަނޑުމެން ޗިސްކޮށްފައި ސިފައިންނާއި ފުލުހުންގެ ފައުޖު ފަހަނަ އަޅާފައި ދެން ވަންނަން ޖެހޭނީ އަޅުގަނޑުމެން ގައުމަށް،" ނިހާން ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ، ދައުލަތުގެ ތެރެއިން ބާރު ލިބިގެންވާ ވެރިންނަށް ކަމަށް ވީނަމަވެސް، ބާރުގެ ބޭރުގައި ތިބި ބޭފުޅުންނަށް ވީނަމަވެސް، ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލު ނަގާލުމަށް ޖާގަ ނުދޭނެ ކަމަށާއި އެކަންކަން ދެމެހެއްޓުމަށް ހުވާ ކޮށްގެން ތިބި ދިވެހި ސިފައިން މިގައުމަކަށް ގައްދާރު ނުވާނެ ކަމަށެވެ.