ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ރައީސް ޔާމީންގެ ފަރާތުން މިއަދު އެ ކޯޓަށް ހުށަހެޅި ސިޓީއެއްގައި ބުނެފައި ވަނީ ޝަރުއީ މަރުހަލާގައި ކޯޓަކުން ނިންމާ ހުކުމްކޮށްފައިވާ މައްސަލަތަކުގެ ހުކުމް ބާތިލުނުކޮށް، ދަށު ކޯޓަކުން ބަލަން އަމުރު ކުރުމަށާއި އެކަން ނުކުރާ ބަޔަކީ ޖިނާއީ ކުށްވެރިން ގޮތުގައި ދޭހަވާ ގޮތަށް އެ އަމުރުގައި ކަނޑައަޅާފައިވާ ކަމަށެވެ.
އެ އަމުރުގައި މިނިވަން ކުރަން އަމުރުކޮށްފައި ވަނީ ހުކުމްކޮށްފައިވާ މީހުންނާއި ޝަރުއީ އެކި މަރުހަލާތަކުގައި މައްސަލަ ހުރި މީހުންނާއި ތަހުގީގު މަރުހަލާގައި ބައެއް މައްސަލަތައް ހުރި މީހުން ކަމަށާއި އޭގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހުކުމްކޮށްފައި ތިބި އެތަށް ބަޔަކަށް ހަމަ އެ ފުރުސަތު ލިބޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އޭގެ ތެރޭގައި މަރުގެ މައްސަލަތަކާއި ކުޑަ ކުދިންގެ ހުރުމަތް ކަނޑާފައި ތިބި މީހުންނަށް ވެސް ދޮރުތަކެއް އަބަދަށް ހުޅުވޭނެ ކަމަށް ފެންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންކަމުން އެ އަމުރު ތަންފީޒު ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ޕީޖީ ކުރިން ހުށަހަޅާފައިވާ ވަކިވަކި މައްސަލަތަކަށް ގާނޫން އަސާސީ އާއި ގާނޫނުގެ ތެރެއިން ކަންކަން ކުރެވޭނެ ގޮތްތައް ކަނޑައަޅުއްވާ ދިނުމަށް ރައީސް ސުޕްރީމް ކޯޓުން އެދިވަޑައިގަތެވެ.
ރައީސް މިހެން އެދިވަޑައިގެންފައިވާ އިރު، ސުޕްރީމް ކޯޓުން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޕީޖީ ހުށަހަޅާފައިވާ ކަންކަމަށް ރައާޔަތް ކުރި އިރުގައި އެއީ ހުކުމް ތަންފީޒު ކުރަން ހުރަސް އެޅޭނެ ކަންކަމެއް ނޫން ކަމަށާއި ހުކުމް ތަންފީޒު ކުރަން ދެންނެވިފައިވާ ކަމަށް ބުނެފައިވެ އެވެ.