ހަބަރު

ބޮޑު އަމުރު ދެކޮޅެއް ނުޖެހޭ، ފަނޑިޔާރުން ޒިންމާވާން ޖެހޭ: މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެބްރުއަރީ 1، 2018 ގައި ނެރުނު ބޮޑު އަމުރަކީ ގާނޫނީގޮތުން ދެކޮޅުޖެހޭ އަމުރެއް ނޫން ކަމަށާ އެ އަމުރާއި ގުޅިގެން ނިކުތް ނަތީޖާއަށް ހުރިހާ ފަނޑިޔާރުން ޒިންމާވާން ޖެހޭ ކަމަށް ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވުމާއި ގުޅިގެންނެވެ.

ޑީޑީ މިހެން ވިދާޅުވީ ރައީސް ޔާމީނުގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ވަދެ، ދެ ފަނޑިޔާރަކު ހައްޔަރު ކުރި މައްސަލަ ބަލަން ޖެހޭ ކަމަށް ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވުމާއި ގުޅިގެންނެވެ. ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރަކު ހައްޔަރުކުރީ ފެބްރުއަރީ 1، 2018 ގައި ނެރުނު ބޮޑު އަމުރާއި ގުޅިގެންނެވެ. އޭރު އުއްތަމަ ފަނޑިޔާރަކީ މަގާމުން ދުރުކުރި އަބްދުﷲ ސައީދެވެ. އެ އަމުރާއި ގުޅިގެން ސިފައިން ހައްޔަރުކުރީ އަބްދުﷲ ސައީދާއި އޭރު ކޯޓްގައި ހުންނެވި އެންމެ ސީނިއާ ފަނޑިޔާރު އަލީ ހަމީދެވެ.

އެއަށްފަހު ދެން އުއްތަމަފަނޑިޔާރު ކަމަށް ވަޑައިގެންނެވީ ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުން އެންމެ ފުރަތަމަ ބަލަން ޖެހޭ ދެ މައްސަލަ އަކީ ރައީސް ނަޝީދުގެ ވެރިކަމުގައި އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައާއި ރައީސް ޔާމީނުގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ވަދެ، ދެ ފަނޑިޔާރަކު ހައްޔަރު ކުރި މައްސަލަ ކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.

އެ ޓްވީޓަށް ރައްދު ދެއްވާ ޑރ. އަބްދުﷲ ދީދީ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށެވެ.

"ބަލަން ޖެހޭ ހަގީގީ މައްސަލަ އަކީ ގާއިމުވެ އޮތް ލެޖިޓިމެޓް ސަރުކާރު ފަނޑިޔާރުންނާ ގުޅިގެން ވައްޓާލަން ރޭވި ކަމަށް ތުހުމަތު ކުރެވުނު/ކުރެވޭ ފަރާތްތަކުގެ މައްސަލަ،" ދީދީ ވިދާޅުވިއެވެ.

ޑީޑީގެ އެ ޓްވީޓަަށް ރައްދު ދެއްވާ މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެބްރުއަރީ 1، 2018 ގައި ނެރުނު ބޮޑު އަމުރަކީ ގާނޫނީގޮތުން ދެކޮޅުޖެހޭ އަމުރެއް ނޫން ކަމަށެވެ. އެ އަމުރު ނެރުނީ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކަމަށާ ފަސް ފަނޑިޔާރުންވެސް އެ އަމުރަށް، އަދި އޭގެ ނަތީޖާއަށް ޒިންމާވާން ޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުން 2018 ވަނަ އަހަރު އަމުރު ނެރުނީ އެ ކޯޓްގެ ފަސް ފަނޑިޔާރުން ސޮއިކޮށެވެ. އެ އަމުރު ތަންފީޒު ކުރަން ރައީސް ޔާމީންގެ ސަރުކާރުން ދެކޮޅު ހެދިއެވެ. އަދި އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި އެވެ. ދެން ތިއްބެވި ތިން ފަނޑިޔާރުން ފަހުން ވަނީ އެ އަމުރު ބާތިލްކޮށްފައެވެ. އެކަމާއި ގުޅިގެން އެ ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.

މި ސަރުކާރު ވެރިކަމަށް އައިސް އެ ފަސް ފަނޑިޔާރުންވެސް ވަނީ މަގާމުން ދުރުކޮށްފައެވެ.