ހަބަރު

އެކެއް ފެބްރުއަރީ އަމުރަށް ފަހު ޓޫރިޒަމްގެ ބުކިންތައް ދަނީ ކެންސަލްކުރަމުން: ރައީސް

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ސަބަބުން ޓޫރިޒަމްގެ އެޑްވާންސް ބުކިންނަށް އަސަރުކުރި ކަމަށާއި އެކަންކަން ފޫބެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މ. ކޮޅުފުށި ބަނދަރު ރަސްމީކޮށް ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މުޅި ރާއްޖެއަށް ތަރައްގީ ގެނެސްދެވޭނީ މުޅި ރާއްޖެއަށް ހަމަޖެހުން ގެނެސްގެން ކަމަށާއި އެނޫން ގޮތަކަށް ތަރައްގީ ނުގެނެވޭނެ ކަމަށެވެ. އަދި އެއީ ޕީޕީއެމްގެ ފަލްސަފާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ޕާޓީގެ ފަލްސަފާއަކީ ތަރައްގީ ގެނެސްދޭނީ މުޅި ރާއްޖެއަށް ހަމަޖެހުން ގެނެސްދީގެން، އެނޫން ގޮތަކަށް ތަރައްގީއެއް ނުކުރެވޭނެ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ހަމަޖެހުން އޮންނަންވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މުޅި ރާއްޖޭގެ ސިނާއަތް ނުވަތަ މުޅި ރާއްޖެއަށްލިބޭ އާންމުދަނީ ބޮޑުބައެއް ވަންނަނީ ޓޫރިޒަމްގެ ސިނާއަތުން ކަމަށާއި ބޭރުގެ މެހެމާނުންނަށް އިހްތިރާމް ކުރުމުގެ ސިނާއަތައް ހުރިހާ ކަމެއް ބިނާވެފައިވާ ކަމަށެވެ. އަދި އާންމުވެގެންދާ މަންފާއެއް އަންނަނީ މުޅި ރާއްޖެގައި ސުލްހަވެރިކަން ނުވަތަ ހަމަނުޖެހުމަށް ޖާގަ ނުދީ އެކަންކަން ކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ހަމަނުޖެހުން ހިނގައި މައްސަލަ ޖެހޭނެނަމަ ރާއްޖެއަށް ދަތުރުވެރިން ޒިޔާރަތް ކުރުމުގައި މައްސަލަޖެހޭނެ ކަމަށެވެ. ހަމަޖެހުން އޮވެގެން ނޫނީ އެއްވެސް ސިނާއަތެއް ކުރިނާރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ބޮޑު މައްސަލައެއް ނުވަތަ ފަތުރުވެރިން ސިއްސުވާލި މައްސަލައަކީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ކަމަށެވެ.

"އެވަރުގެ ބޮޑު ކަމެއް ހިނގާ ދިޔާމަ އެދުވަސްވަރު ޓޫރިޒަމަށް އަސަރު ނުކުރި ނަމަވެސް މިހާރު އަޅުގަނޑަށް އިނގޭ އެވަރު ކަމެއް ނިމިގެންދިޔާމަ އެޑްވާންސް ބުކިންނަށް ހުރި ބުކިންތަކަށް އަސަރު ކޮށްފި، ނަމަވެސް އެކަންކަން ފޫބެއްދޭތޯ މަސައްކަތްތަކެއް ކުރަމުން އެދަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ފެންނަ ފެނުމަށް ވިޔާނުދާ ބޮޑު ކަމެއް ނުހިނގާ ކަމަށާއި ނަމަވެސް އޭގެ ބަދަލުގައި ރަށްރަށުގައި ބޮޑެތި ހަމަނުޖެހުން ހިނގާނަމަ ފަތުރުވެރިން ރާއްޖެއައުމަށް ނުވަތަ ރާއްޖެއައިސް މަޑު ކުރުމަށް ޖެހިލުންވާނެ ކަމަށެވެ. އަދި ވިދާޅުވީ، ސަލާމަތްކަން ހޯދަން ޖެހޭނީ މުޅި ތަނުގެ މަސްލަހަތައް ބަލައިގެން ކުރާ ކަންކަމުން ކަމަށާއި ކޮންމެ ސިޔާސީވެރިއަކުވެސް އޭނަ ކަންކަން ކުރާނެ ގޮތާއި ހިކުމަތް ރައްޔިތުންނަށް ކިޔާދޭން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޯލިޝަނަކީ ކާމިޔާބު އެއްޗެއް ނޫން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ، ކޯލިޝަން ހަދައިގެން ވެރިކަމަށް އައުމުން މައްސަލަތަކެއް އަބަދުވެސް ޖެހޭ ކަމަށާއި އެންމެ ފުރަތަމަ ކޯލިޝަން ހަދައިގެން ކޯލިޝަން ސަރުކާރެއް ނުހިންގުނީ އޭރު ރައީސް ނަޝީދަށް ނުހިންގުނީމަ ކަމަށެވެ.

"ކޯލިޝަން ހަދައިގެން ނިކުންނައިރު މައްސަލަތަކެއް ހުރޭ، އޭރު ތަޖުރިބާއަށް ބިނާކޮށް ރައީސް ނަޝީދު ހުރިހާ ރައްޔިތުންނަށް ވިދާޅުވި، ކޯލިޝަނަކާއެކީ ސަރުކާރު ހިންގުމަކަށް ފަސޭހައެއް ނުވޭ، އަސްލު ފިކުރުގެ ތެރެއަށް އެހެން ފިކުރެއް އައީމަ އެ ދިކުރަށް އަންނަ ތަގައްޔަރު ކަމުގެ ތެރެއިން އުނދަގޫތަކެއް ހުންނަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިސަރުކާރުގެ ހިންގަނީ ސައްތައިން ސައްތަ ޕީޕީއެމްގެ ކެބިނެޓަކާއެކު ކަމަށާއި މަޝްރޫއުތައް ބާރަށް ކުރިއަށްދަނީ ކޯލިޝަނަކާ ވަކިން ޕީޕީއެމްގެ ކެބިނެޓަކާއެކު ކުރިއަށްދާތީ ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެންވެސް ސަރުކާރަށް އައީ ކޯލިޝަނެއްގެ ތެރެއިން، އެކަމަކު ދާދި އަވަހަށް ކޯލިޝަން ރޫޅިއްޖެ، ކޯލިޝަން ރޫޅުނީ އަޅުގަނޑުމެން ކުރިކަމަކުން ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ސަތޭކައިން ސަތޭކަ ސިޔާސީ ފިކުރަކަށް ދައުލަތް ހިންގަން ލިބިއްޖެނަމަ، ދައުލަތް ހިންގުމާއި ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ގެނައުމަށާއި އެކަންކަން ތަންފީޒު ކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.