ހަބަރު

ސުޕްރީމް ކޯޓްގެ ބައެއް އަމުރު ބާތިލް ކުރަން ރައީސް އެދިވަޑައިގެންފި

މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު ބައެއް އަމުރުތައް ބާތިލް ކޮށްދިނުމަށް އެދި ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ސުޕްރީމް ކޯޓަށް ތިން ސިޓީ ފޮނުވައިފި އެވެ،

ރައީސް އޮފީހުގެ ފަރާތުން މިއަދު ބޭއްވި ޕްރެސްގައި ރައީސް ޔާމީން ފޮނުއްވި ސިޓީތައް ވިދާޅުވެ ދެއްވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ އެވެ. އެގޮތުން ރައީސް ފޮނުވި ފުރަތަމަ ސިޓީގައި ވަނީ، ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ސަބަބުން ސިޔާސީ ނުވަ ފަރާތް ދޫކޮށްލަން އެދުނު ކަމަށެވެ. އެކަމުގެ ސަބަބުން އެންމެ ފަހު މަރުހަލާއިން ހުކުމް ކޮށްފައިވާ މީހުންނާއި ޝަރުއީ އެކި މައްސަލަތައް ހުރި އެހެން ކުށްވެރިންނަށް އެ ހައްގު ލިބިދޭ ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ބައެއް ކުށްވެރިންނަށް ދޮރުތަކެެއް އަބަދަށްމެ ހުޅުވިގެންދާނެ ކަމަށް ބެލެވޭ ކަމަށް ސިޓީގައި ވެއެވެ.

އެ ސިޓީގައި އިތުރަށް ވަނީ، ޕްރޮސެކިޓާ ޖެނެރަލްގެ އޮފީހަކީ ގާނޫނު އަސާސީގެ ދަށުން ވަކި މަސްއޫލިއްޔަތު ތަކަކާއި ވަކި ބާރުތަކެއް މަތިކޮށްފައިވާ މުއައްސަސާއެއް ކަމަށެވެ. އެހެން ކަމުން ގާނޫނު އަސާސީއާ ގާނޫނީ ހަމަތަކުގެ ތެރެއިން އެކަން ތަންފީޒު ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެވޭތީވެ، އެކަން ކުރެވޭނެ ގޮތަށް އަމަލު ކުރުމަށް ސުޕްރީމް ކޯޓުން ރައީސް ވަނީ ގޮވާލާފަ އެވެ.

"ސުޕްރީމްކޯޓުން ނެރުނު އަމުރާއި ގުޅިގެން ކޯޓްތަކުގެ އޮނިގަނޑާއި ބާރުތަކަށް ބުރޫއަރާގޮތަށް، އެންމެ ފަހު މަރުހަލާއިން ހުކުމް ކޮށްފައިވާ މީހުންނާއި ޝަރުއީ އެކި މައްސަލަތައް ހުރި މީހުންނާއި ތަހުގީގީ މަރުހަލާގައި އެކި އެކި މައްސަލަ ތައް ހުރި މީހުން ހިމެނޭ ގޮތުން އެތައް ކުށްވެރިނެއް ވަގުތުން ދޫކޮށްލުމުން އަމުރު ކޮށްފައި ވުމުން، އެހެން ކުށްވެރިނަންނަށް އެ ހައްގު ލިބިދޭތީ، އެކަމުގެ ސަބަބުން ބައެއް ކުށްވެރިންނަށް ދޮރުތަކެެއް އަބަދަށްމެ ހުޅުވިގެންދާނެ،" ރައީސްގެ ސިޓީގައި ވެއެވެ.

ރައީސްގެ ދެވަނަ ސިޓީގައި ވަނީ، ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުން ދައުލަތުގެ ހިންގުން އޮޅުން ބޮޅުންވެ، ގާނޫނު އަސާސީން ވަކިވަކި މުއައްސަސާތަަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫ އަރާ ކަމަށެވެ. އަދި ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށް ބުރޫ އަރައި އެކަމާ ގުޅިފައިވާ އެތައް މަސްލަހަތު ތަކަކަށް ބުރޫއަރާ ކަމެއް ކަމަށެވެ. އަދި ދައުލަތުގެ ހިންގުން އެ މައުރާ އެއްގޮތަށް ހިންގަން ފަށައިފި ނަމަ ގާނޫނު އަސާސީގެ ހުރުމަތް ކެނޑިދާނެ ކަމަށް ރައީސްގެ ސިޓީގައި ވެއެވެ.

އެ ސިޓީގައި އިތުރަށް ވަނީ، އަދުލު އިންސާފު ގާއިމްކުރުމަށް ކޮންމެ މީހެއްގެ މައްޗަށް ޖުޑީޝިއަލް ސާވިސް ކޮމިޝަނުގެ ބާރު ހިނގާނެ ކަމަށް ބުނާ ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅުއްވާފައިވާތީ އެކަމަކީ ޖުޑީޝިއަލް ކޮމިޝަންގެ މަސައްކަތަށް ހުރަސް އެޅޭ މާއްދާއެއް ކަމަށެވެ. އެހެން ކަމުން އެކަމަކީ ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރަަކަށް ނުވާތީވެ ކޯޓްގެ އަމުރު ބަދަލު ކުރުމަށް ރައީސްގެ ދެވަނަ ސިޓީގައި އެދިފައި ވެއެވެ.

ރައީސް ޔާމީން ސުޕްރީމް ކޯޓަށް ފޮނުވި އިތުރު ސިޓީއެއްގައި ވަނީ، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ވެރިޔާ ހަސަން ސައީދު ހައްޔަރުކުރަން ކުރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރު ސުޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފައި ކަމަށެވެ. އެކަމުގެ ސަބަބުން ތަހުގީގު ހުއްޓި ޕީޖީ އަދި ޕޮލިހަށް ވަނީ ގާނޫނީ ހުރަސްތަކާއި ކުރިމަތިވެފައި ކަމަށް ސިޓީގައި ވެއެވެ.

އިތުރަށް ވުދާޅުވީ، މިހާލަތުގައި އެކަ ކުރުމަށް ހައްލެއް ހޯދައިދީ ގާނޫނު އަސާސީއާ ގާނޫނުގެ މަތީން ދައުލަތުގެ މުއައްސަސާތައް ކަށަވަރު ކުރުމަކީ ރައީސް އަށް މަތިކޮށްފައިވާ ޒިންމާ އަކަށްވާތީވެ އެ އަމުރު ބާތިލް ކުރުމަށް ދަންނަވާ ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން ތިން ސިޓީއެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު އިއްޔެ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމުގައި ދައުލަތުގެ އިދާރާތަކަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އޭގެ އިތުރުން އަމުރުގައިވާ ގޮތަށް އަލުން ޝަރީއަތް ހިންގަން ޖެހޭ ފަރާތްތަކަށް ޝަރީއަތް ހިންގުމަށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް ވާނަމަ އެކަން ކަމާ ބެހޭ ކޯޓަށް ހުށަހަޅައިގެން ކުރިޔަށް ގެންދިޔުމަށް ވެސް ސުޕްރީމް ކޯޓުން ބުންޏެވެ. އަދި އެގޮތަށް ކުރިޔަށް ގެންދިޔުމަށް ޕީޖީއަށް އެއްވެސް ހުރަހެއް ނެތް ކަމަށް ޕޖީއަށް އަންގާފައިވާ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހްސިން ދޫކޮށްލުމަށެވެ. އަދި މެޖިސްޓްރޭޓް އަހުމަދު ނިހާން އާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންއާއި ހާމިދު އިސްމާއިލް ދޫކޮށްލުމަށް ވެސް އެ އަމުރުފައި ވަނީ ބުނެފަ އެވެ.