ވިޔަފާރި

ޔުކްރެއިން ރައީސްގެ ސިއްރު ޗުއްޓީއާއެކު ރާއްޖެއަށް މަޝްހޫރުކަން!

ޔުކްރެއިންގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯ މިދިޔަ މަހު ވަނީ ރާއްޖެ އަށް "ސިއްރު" ދަތުރުފުޅެއް ކުރައްވާފަ އެވެ. އާއިލާއާއެކު ޗުއްޓީ އަށް ކުރެއްވި މި ދަތުރުފުޅު ވެގެން ދިޔައީ އެ ގައުމުގައި މައްސަލަ ބޮޑުވި ކަމަށެވެ. ހަމަމިއާއެކު، މުޅި ޔުކްރެއިންގައި އެކަމާ ދެކޮޅަށް މުޒާހަރާތައް ކުރަން ފެށި އެވެ. މުޒާހަރާތަކާއެކު އެ ގައުމުގައި މިހާރު ދައްކަނީ "ދިވެހިރާއްޖޭ" ގެ ވާހަކަ އެވެ. މިއާއެކު މީގެ ފައިދާ ރާއްޖެއަށް ލިބޭނެ ކަމަށް ބެލެވެ އެވެ.

ޔުކްރެއިންގެ ހުރިހާ ނޫސްތަކެއްގައި މިހާރު ދައްކަނީ ރާއްޖޭގެ ވާހަކަ އެވެ. ހާއްސަކޮށް ޔޫކްރެއިންގެ ހަލަބޮލި ސިޔާސީ މަޝްރަހުގެ ތެރެއިން ރާއްޖޭގެ އަޑު މިވަނީ ގަދަވެފަ އެވެ. އެންމެ ފަހުން އެ ގައުމުގައި ކުރި މުޒާހަރާތަކުގައި ވަނީ ޕެޓްރޯ ޕޮރޮޝެންކޯ ރާއްޖޭގެ ގޮނޑުދޮށްތަކުގައި ޗުއްޓީ ހޭދަކުރި ގޮތް މަގުތަކުގައި ދައްކާލާފަ އެވެ.

ޔުކްރެއިންގެ ޓީވީ ސްޓޭޝަނަކުން ހެދި އިންވެސްޓިގޭޓިވް ރިޕޯޓެއްގައި ބުނެފައި ވަނީ ޕޮރޮޝެންކޯ އާއި އޭނާގެ އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވަނީ "ޕެޓްރޯ އިންކޮފްނިޓޯ" ގެ ނަމުގަ އެވެ. އަދި ރާއްޖޭގެ ޗުއްޓީއަށް އެތަށް މިލިއަން ޑޮލަރެއް ހޭދަކޮށްފައިވެ އެވެ. އަދި ޗުއްޓީގައި މަޑުކުރެއްވީ ޗިވަލް ބްލޭންކް ރަންދެލި ރިސޯޓުގަ އެވެ.

ޔުކްރެއިން އިން މިދިޔަ އަހަރު 9,722 މީހުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް 2016 ވަނަ އަހަރު އައިސްފައިވަނީ 7,599 މީހުންނެވެ. މިއީ 27.9 ޕަސެންޓް އިތުރު އަދަދެކެވެ.