ހަބަރު

ރައީސްގެ ސިޓީތައް ސުޕްރީމް ކޯޓުން ބަލައެއް ނުގަތް: އަދުރޭ

ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ އަމުރާއި ގުޅިގެން އިސްލާހު ކުރަން ހުރި ކަންކަމުގެ ވާހަކަތައް ހިމަނައި ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީތައް ބަލައި ނުގަންނަ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސްއެއްގައި އަބްދުއް ރަހީމް ވިދާޅުވީ، ބަންދު ދުވަހެއް ކަމަށް ވިދާޅުވެ ރައީސް ޔާމީން ފޮނުވޮ ސިޓީ ސުޕްރީމް ކޯޓުން ބަލައިގެންފައިނުވާ ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ހުށަހެޅުއްވި މައްސަލަ ބަލައިގެ ކުރިއަށް ގެންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އަބުދުއް ރަހީމް ވިދާޅުވި އެވެ.

އަބުދުއް ރަހީމް ވިދާޅުވީ، މިހާރު އިނގިގެންދާ ކަމަކީ ސުޕްރީމް ކޯޓުން ނިންމާ ނިންމުން ތަކަކީ ގަނޫނީ ތަރަހައިން ބޭރުން ހިންގާ ކަންކަން ކަމަށެވެ. އަދި އެކަމަކީ ވަކި ފަނޑިޔާރެއްގެ މައްސަލަަތައް ބަލާފާނެ ކަމަށްޓަކައި އެކަންކަން ބެލިޔަ ނުދިނުމަށްޓަަކައި ކުރަމުންދާ މަސައްކަތް ކަމަށެވެ.

"ރައީސް ސުޕްރީމް ކޯޓަށް ފޮނިވި ސިޓީތައް ބަލައެއް ނުގަން، ރައީސް ފޮނިވިޔަސް މިއަދު ބަލައެއް ނުގަނެވޭނޭ، މިއަދު ބަންދޭ ބުނެ ބަލައެއް ނުގަން، އެކަމަކު ރައީސް މައުމޫން ހުށަހެޅުއްވި މައްސަލަ ބަލައިގެ ކުރިއަށް ގެންދާ ކަމަށް މައުލޫމާުތު ވަނީ ލިބިފައި،" އަބުދުއް ރަހީމް ވިދާޅުވި އެވެ.

އަބުދުއްރަހީމް ވިދާޅުވީ، މިހާރު ދަށު ކޯޓުތަކުގެ ބޭނުމެއް ނެތް ކަމަށާއި އަމުރެއް ނެރުނަސް ބާތިލް ކުރަމުންދާ ކަމަށެވެ. މިހާިސާބަށް ގައުމުގެ ހާލަތު ދިޔުމުން ރައީސް އަށް ގާނޫނުން މަތި ކޮށްފައިވާ އެންމެ މަތީ ބާރުތައް ބޭނުން ކުރުމަށް ގޮވާލާ ކަމަށް އަބުދުއްރަހީމް ވިދާޅުވި އެވެ.

"މިއި ދިވެހި ރައްޔިތުހން ވަރަށް ސާބިތުކަމާއެކު ތިބެންވީ ވަގުތެއް، އިންތިހާބަކުން ކޮށްފައިވާ ރައީސް އެއްގެ ފަހަތުގައި ތިއްބަވާ، އެއްވެސް ވަރަކަށް އިދިކޮޅުން ދައްކާ ވާހަކަ ގަބޫލު ނުކުރޭ، އެމީހުން އެބުނާ ގޮތަކަށް ނުވާނެ،" އަބުދުއް ރަހީމް ވިދާޅުވި އެވެ.

އަބުދުއްރަހީމް ވިދާޅުވީ، މިވެރިކަން ނިމިގެން ދާނީ ރައީސް ޔާމީން ވެރިކަމުގައި ހުރެގެން ކަމަށާއި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ގައުމާއި ރައްޔިތުންގެ ހައްގުގައި ރައީސް ޔާމީން ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ، އެކަންކަން ކުރައްވަން ރައީސް ޔާމީން ފަސްޖެހިވަޑައެއް ނުގަންނަވާނެ ކަމަށާއި އެކަންކަން ކުރައްވަން މާ ގިނަ އިރުތަކެއް ދެން ނުނަންގަވާނެ ކަމަށެވެ.

"ރައީސް އަށް ގާނޫނު އަސާސީން ލިބިދޭ ބާރުތަކަށް ހުރަސްއަޅައި ކޯޓުތަކުގެ ބާރުތައް ކަނޑުވާލައި މުއައްސަސާތަކުގެ ބާރުތައް ކަނޑުވާލައި އެބޭފުޅުން [ސުޕްރީމް ކޯޓުގެ ފަނޑިޔާރުން] ބޭނުންވާ ގޮތަށް އަމަލު ކުރެއްވުމުން ރައީށް އަށް މަޖުބޫރު ވަނީ އެންމެ މަތީ ބާރު ބޭނުން ކުރައްވަން،" އަބުދުއް ރަހީމް ވިދާޅުވި އެވެ.

އަބުދުއްރަހީމް އިތުރަށް ވިދާޅުވީ، މިގައުމަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ރައީސް ޔާމީނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި ގައުމައިގެން ކުރިއަށް ދިއުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.