1 ފެބުރުއަރީގެ އަމުރު

އަމުރު ތަންފީޒުކުރޭ، ސަރުކާރަށް "ނޯ ޗޮއިސް": އިލްހާމް

އެކެއް ފެބްރުއަރީގައި ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ވަގުތުން ތަންފީޒުކުރުމަށް އިއްޔެ ރާއްޖެ ވަޑައިގަތް މަޖިލިސް މެންބަރު އިލްހާމް އަހުމަދު މިއަދު ގޮވާލައްވައިފި އެވެ.

އިލްހާމް މިހެން ވިދާޅުވީ، އޭނާ ރާއްޖެ ވަޑައިގަތުމާއެކު ހައްޔަރުކޮށް، މިއަދު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފުލުހުން އޭނާ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލުމާ ގުޅިގެންނެވެ. އިލްހާމް ދޫކޮށްލީ އެ ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފްގެ އަމުރެއްގެ ދަށުންނެވެ.

މިނިވަންވުމުން ކޯޓުން ނުކުމެވަޑައިގެން މީޑިއާއާ ބައްދަލުކޮށް ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ، ސުޕްރީމް ކޯޓުން އިއްވި އަމުރު ފުލުހުންނާއި ޕީޖީ އަދި އޭޖީ ތަންފީޒު ނުކުރުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. ފެނިގެން ދަނީ ތަންފީޒީ އިދާރާތަކުގެ އޮފިސަރުން ސިޔާސީ ބޭފުޅުންގެ ފަހަތަށް ޖެހެމުންދާ މަންޒަރު ކަމަށެވެ.

"އަޅުގަނޑު ހަމަ މޯލްޑިވްސް ޕޮލިސް ސާވިސްއަށާއީ އޭޖީ، ޕީޖީއަށް ގޮވާލަން، ވީއެންމެ އަވަހަށް އަމުރު ތަންފީޒު ކުރާށޭ، ނޯ ޗޮއިސް، ނޯ ޗޮއިސް، އަމުރު ތަންފީޒު ކުރެވޭ، މި ބޭފުޅުންނާ ހަމައަށް ގާނޫނު އަރާ ހަމަކުރާނެ، މި ބޭފުޅުންގެ ތެރޭގަ އިސްކޮށް ތިއްބެވި ބޭފުޅުން ޒިންމާ ނަގަން ޖެހޭނެ،" އިލްހާމް ވިދާޅުވި އެވެ.

ފުލުހުންގެ ފަރާތުން މިއަދު އެދިފައިވަނީ އިލްހާމް ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށެވެ. އެކަން އިލްހާމް ސިފަ ކުރެއްވީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންއާ އެއްގޮތަށް "ފްރީޒްކުރަން" މަސައްކަތްކުރުން ކަމުގަ އެވެ. އިލްހާމްގެ ފަރާތުން ކޯޓުތަކުގަ ބޮޑެތި އިޖުރާއީ ނުކުތާތަކެއް ފާހަގަކުރި އެވެ. އިލްހާމަށް ކުރާ ތުހުމަތަކީ ފާރިސް މައުމޫން މިދިޔަ އަހަރުގެ މެއި މަހު ކުރެއްވި ކަމަށް ބުނާ ކަމަކާ ގުޅޭ ގޮތުން ކުރާ ތުހުމަތެކެވެ.

ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަނީ ފާރިސްގެ މައްސަލައަކީ ސިޔާސީ ނުފޫޒެއްގަ ކުރިއަށްދާ މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވާކަން ފާހަގަކުރައްވާފަ އެވެ. އެހެންވެ، އިލްހާމްގެ މައްސަލައަކީ އެއްވެސް އަސާސެއް ނެތް މައްސަލައެއް ކަމަށް ގާޒީ ނިންމެވި އެވެ. އަދި ހައްޔަރުކުރުމުގައި ވެސް އިޖުރާއީ މައްސަލަތަކެއް ހުރި ކަމަށް ގާޒީ ނިންމެވި އެވެ. ކޯޓުން އަމުރުކުރުމާއެކު އިލްހާމް ގިނަ އިރުތަކެއް ނުވެ ދޫކޮށްލި އެވެ.

އިލްހާމް ރާއްޖެ ދޫކުރައްވާ ވަޑައިގަތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވުމަށްފަހު އެވެ. އޭގެ ފަހުން އިލްހާމް ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އިލްހާމް ރާއްޖެ ވަޑައިގަތުމުގެ ކުރިން ކުރިމިނަލް ކޯޓުން އޭނާ ހައްޔަރުކުރަން އަމުރެއް ނެރުނެވެ. ނަމަވެސް އެ އަމުރު ގާޒީ އަރީފް ބާތިލުކުރެއްވި އެވެ. އިލްހާމް ހައްޔަރުކުރީ އޭގެ ފަހުން އެ ކޯޓުގެ އެހެން ގާޒީއަކު ނެރުއްވި އަމުރެއްގެ ދަށުންނެވެ. އިލްހާމްއާއެކު ހައްޔަރުކުރި މަންޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ވެސް މިއަދު ވަނީ ދޫކޮށްލާފަ އެވެ.