ކުއްލި ނުރައްކަލުގެ ހާލަތު

ކުއްލި ނުރައްކާގެ ހާލަތު ބާތިލުކުރަން ހުށަހަޅައިފި

ސަރުކާރުން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް އިލެކްޓްރޯނިކްކޮށް ވަނީ ހުށަހަޅާފަ އެވެ.

މި މައްސަލައަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ޔުމްނާ މައުމޫން ހުށަހެޅުއްވި މައްސަލައެކެވެ. މައްސަލާގެ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ހިސާން ހުސެއިންނެވެ. އެ ހުށަހެޅުމުގައި ބުނެފައި ވަނީި ގާނޫން އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ސަރުކާރުން ނެެރެފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ ބެހޭ ގޮތުން ސުވަލު އުފައްދާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ރާއްޖެ ޓީވީއަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ހިސާން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ބާތިލު ކުރުމަށް އަމަލީ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ހުރަސްތަކެއް ހުރި ކަމަށާއި އެހެން ނަމަވެސް އިލެކްޓްރީނިކް ވަސީލަތްތައް މެދުވެރިކޮަށް އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ހިސާން ވިދާޅުވީ ކުއްލި ހާލަތު ބާތިލު ކުރުމަށް މައްސަލަ ހުށަހެޅީ އެ ގަރާރުގައި ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލާފައި އޮތުމުން ކަމަށާއި އޭގެ އިތުރުން ޖިނާއީ އިޖުރާތުގެ ގާނޫނާއި ގިނަ އަދަދެއްގެ ގިނަ ހައްގުތަކެއް ހިފެހެއްޓިފައި އޮތުމުން ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު މީޑިއާތަކާ ފަހުން ހިއްސާ ކުރާނެ ކަމަށް ހިސާން ވިދާޅުވި އެވެ.

ގާނޫން އަސާސީގެ 258 ވަނަ މާއްދާގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާ ގަރާރުގެ ނުވަތަ އެ ގަރާރުން ބައެއްގެ ސައްހަކަމާމެދު ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހަދާ ގާނޫނަކާމެދު، ނުވަތަ ނެރޭ އަމުރަކާމެދު ސުވާލުއުފެދިއްޖެ ހާލަތެއްގައި އެ ކަމާމެދު ގޮތެއް ކަނޑައަޅާނީ ސުޕްރީމްކޯޓުން ނެވެ.