1 ފެބުރުއަރީގެ އަމުރު

ކުއްލި ނުރައްކަލުގެ ހާލަތުގައި ނުހިފެހެއްޓޭ ހައްގުތައް އެނގޭތަ؟

ކުއްލި ނުރައްކަލުގެ ހާތަލަކީ ގާނޫނު އަސާސީގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމެކެވެ. ގާނޫނު އަސާސީގެ 253 ވަނަ މާއްދާގައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނީ ފަސް ކަމެއް ކުރިމަތިވެއްޖެނަމަ އެވެ.

އެއީ، ގުދްރަތީ ކާރިސާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ނުވަތަ ބޭރުގެ ހަމަލައެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެއްޖެ ހާލަތެއްގަ އެވެ. ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ނުވަތަ ސަރަހައްދުތަކެއްގައި ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް އެ މައްދާގައިވެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތެއްގައި ވެސް ގާނޫނުއަސާސީގެ ބައެއް މާއްދާތަކުގައިވާ ހައްގުތަކާއި މިނިވަންކަން ހިފަހައްޓައިގެނެއް ނުވާނެ ކަމަށް އަންގާފައިވެ އެވެ. އެ މާއްދާތަކަކީ؛

  • 21 ވަނަ މާއްދާ (ދިރިހުރުމުގެ ހައްގު)
  • 25 ވަނަ މާއްދާ (އަޅުވެތިނުކުރުމާއި ގަދަކަމުން މަސައްކަތް ނުކުރުވުން)
  • 27 ވަނަ މާއްދާ (ހިޔާލުފާޅުކުރުމުގެ މިނިވަންކަން)
  • 28 ވަނަ މާއްދާ (ނޫސްވެރިކަމުގެ މިނިވަންކަން)
  • 42 ވަނަ މާއްދާ (ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުން)
  • 48 ވަނަ މާއްދާގެ (ށ) (ހައްޔަރުކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންގެ ހައްގުތައް)
  • 51 ވަނަ މާއްދާ (ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހުންގެ ހައްގުތައް)
  • 52 ވަނަ މާއްދާ (އިޢުތިރާފާއި، ގާނޫނާ ހިލާފަށް ހޯދާ ހެކި)
  • 53 ވަނަ މާއްދާ (ގާނޫނީ ވަކީލެއްގެ އެހީތެރިކަން)
  • 54 ވަނަ މާއްދާ (ލާއިންސާނީ އަދަބު ނުދިނުން)
  • 55 ވަނަ މާއްދާ (މަދަނީ މައްސަލަތަކުގައި ބަންދު ނުކުރުން)
  • 57 ވަނަ މާއްދާ (ބަންދުކުރެވިފައިވާ މީހުންނާ އިހްތިރާމާއެކު މުޢާމަލާތުކުރުން)
  • 59 ވަނަ މާއްދާ (ގާނޫނުގައި ކުށެއްކަމަށް ކަނޑައެޅިފައިނުވާ ކަމަކަށް ފަހުން ހަދާ ގާނޫނަކުން އަދަބު ނުދިނުން)
  • 60 ވަނަ މާއްދާ (އެއް ކުށަކަށް ދެފަހަރަށް އަދަބު ނުދިނުން)
  • 62 ވަނަ މާއްދާ (އެހެނިހެން ހައްގުތައް ލިބިދިނުން)
  • 64 ވަނަ މާއްދާ (ގައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމުގެ ހައްގު)

މި ހައްގުތައް ހިފަހައްޓައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު މިރޭ ސަރުކާރުން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފަހައްޓާފައިވަނީ ގާނޫނު އަސާސީގެ 20 މާއްދާއެކެވެ.

އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރޭ މާއްދާތަކަކީ، 45 ވަނަ މާއްދާ (ގާނޫނާ ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުން) އާއި 46 ވަނަ މާއްދާ (ހައްޔަރުކުރުމާއި، ބަންދުކުރުމުގެ ބާރު) އާއި 49 ވަނަ މާއްދާ (ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުން) އާއި 56 ވަނަ މާއްދާ (އިސްތިއުނާފުކުރުމުގެ ހައްގު) އެވެ.

އޭގެއިތުރުން، 65 ވަނަ މާއްދާ (ހައްލުހޯދުމަށްޓަކައި ދައުވާކުރުމުގެ ހައްގު) އާއި 145 ވަނަ މާއްދާގެ (ނ): (ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމުގައި، އަދި ށަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމްކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުން) މާއްދާ އެވެ.

މީގެއިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ވެސް ވަނީ ހިފަހައްޓާފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ޝަރީއަތް ހިންގާނެ އުސޫލުތަކާއި މަރުހަލާތައް ބަޔާންކުރާ ގާނޫނެވެ. އެ ގާނޫނު ހިފެހެއްޓުމުން ޝަރީއަތް ހިންގުމުގެ ވަރަށް އަސާސީ ހައްގުތައް ހަނިވެގެން ދާނެ އެވެ. ހައްޔަރުކުރާ މީހާ އާއި ދައުވާކުރެވޭ މީހާގެ ވެސް ހައްގުތައް ހަނިވެގެން ދާނެ އެވެ.