ރާއްޖޭގެ މަސްރަހު ގާތުން ބަލަމުން ގެންދާ ކަމަށާއި ގައުމުގައި މިހާރު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ވާހަކަ ދައްކައިގެން ހައްލު ކުރުމަށް ޗައިނާ ސަރުކާރުން ރާއްޖެއަށް ގޮވާލައިފި އެވެ.
ޗައިނާ ސަރުކާރުގެ ރަސްމީ ބަސް އިއްވާ ސިންހުއާ ނިއުސް އޭޖެންސީން ބުނީ، ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން އިދިކޮޅު ފަރާތްތަކާއި ސަރުކާރާ ދެމެދު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ސިފައިންނާއި ރައްޔިތުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި ގައުމީ މަސްލަހަތަށް ބުރޫ އަރަމުންދާތީ، ގައުމީ މަސްލަހަތަށް އިސްކަންދީ މަޝްވަރާގެ މަތިން ވާހަކަ ދައްކައިގެން މައްސަލަތައް ވީހާވެސް އަވަހަށް ހައްލުކުރުމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ރާއްޖެއަށް މިއަދު ގޮވާލާފައިވަނީ އެގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނެއް ކަަމަށްވާ ގެން ޝުއާން މިއަދު ދުވަހު ބޭއްވެވި ޕްރެސް ބްރީންފިންއެއްގައި ކަމަށެވެ.
"ފުލުހުންނާއި އިދިކޮޅު ފަރާތްތައް ކުރިމަތިލުންތަކަށް ގޮސް ވެރިކަން ކުރާ ރަށުގެ ހާލަތު ވަނީ ގޯސްވެފައި. ޗައިނާއިން މިދަނީ ރާއްޖޭގެ ހާލަތު ބަލަމުން. އުފެދިފައިވާ ހަމަނުޖެހުންތައް މަޝްވަރާއަކަށް ގޮސް ވާހަކަދައްކައިގެން ހައްލުކުރަން ހުރިހާ ފަރާތްތަކަށް ގޮވާލަން،" ސިންހުއާ އިން ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރަން ސަރުކާރުން އިންކާރުކުރުމާ ގުޅިގެން ރާއްޖޭގައި މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ކަންކަން ހައްލުވެ ގައުމު ހަމައަކަށް އެޅެންދެން ރާއްޖެއަށް ދަތުރު ނުކުރުމަށްވެސް އެގައުމުގެ ސަރުކާރުން މީގެ ކުރިން ވަނީ ދީފައެވެ.
މައްސަލަ ހައްލުކުރަން ޗައިނާއިން ގޮވާލާފައިވާއިރު އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ބޭރުގެ ގިނަ ގައުމުތަކަކުން ދަނީ އަމުރު ތަންފީޒުކޮށް ގައުމު ހަމަމަގަށް އެޅުވުމަށް ސަރުކާރަށް ގޮވާލަމުންނެވެ.