ރައީސް މައުމޫން އަބްދުލްގައްޔޫމް

ރައީސް މައުމޫން ހައްޔަރުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދާދިދެންމެއަކު ހައްޔަރުކޮށްފި އެވެ. ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ އެމަނިކުފާނުގެ ގެކޮޅު އެސްއޯ ފުލުހުން ގޮހެވެ. އެމަނިކުފާނު ހައްޔަރުކުރީ ކޯޓު އަމުރެއް ނެތި އެވެ. އަދި އެމަނިކުފާނު ދިރިއުޅުއްވާ ކޮޓަރިކޮޅު ވެސް ފުލުހުން ވަނީ ބަލާ ފާސްކޮށްފަ އެވެ. މިހާރު އެމަނިކުފާނު ފުލުހުންގެ ރަށް، ދޫނިދޫއަށް ގެންގޮސްފަ އެވެ.

ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ބަހައިގެން ގާނޫނީ ވެރިކަން މަސައްކަތްކުރުމުގެ ތުހުމަތަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެމަނިކުފާނުގެ ދޮށީ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް މިހާރު ހައްޔަރުގައި ހުންނެވީ ހަމަ އެ ތުހުމަތުގަ އެވެ.

ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ނަދީމް ވެސް ހައްޔަރުކުރީ އެ ތުހުމަތަށެވެ. ދެ ބޭފުޅުން ހައްޔަރުކުރީ، ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު ގާނޫނު އަސާސީއިން ލިބިދޭ ގިނަ ހައްގުތަކެއް ހިފަހައްޓާފައިވަނިކޮށެވެ.

އެގޮތުން ގާނޫނާ ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުމާއި ހައްޔަރުކުރުމުގެ މާއްދާ ވަނީ ހިފަހައްޓާފަ އެވެކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުމުގެ މާއްދާ ވެސް ހިފަހައްޓާފައިވާއިރު، އިސްތިއުނާފުކުރުމުގެ ހައްގު ވެސް ނުދޭން ސަރުކާރުން އޮތީ ނިންމާފަ އެވެ.

އޭގެއިތުރުން، ހައްލުހޯދުމަށްޓަކައި ދައުވާކުރުމުގެ ހައްގާއި ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމުގައި، އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމްކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުން ނޫން ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތެއްގައި ވެސް ގާނޫނުއަސާސީގެ ބައެއް މާއްދާތަކުގައިވާ ހައްގުތަކާއި މިނިވަންކަން ހިފަހައްޓައިގެނެއް ނުވާނެ ކަމަށް އަންގާފައިވެ އެވެ. އެގޮތުން އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތްކުރުމާއި ހައްޔަރުކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންގެ ހައްގުތަކަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ގާނޫނު އަސާސީގައިވާ ގޮތުން އެއްވެސް މިންވަރަކަށް ހަނިކުރެވޭނެ ހައްގުތަކެއް ނޫނެވެ.