ހަބަރު

ޔުމްނާގެ ފިރިކަލުން ނަދީމް ހައްޔަރުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކޮށްފި އެވެ. ނަދީމް ހައްޔަރުކުރީ ކޯޓު އަމުރެއް ނެތި އެވެ. އޭނާ ދިރިއުޅޭ ކޮޓަރި ވެސް ފުލުހުން ވަނީ ބަލާ ފާސްކޮށްފަ އެވެ.

ނަދީމް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ބަހައިގެން ގާނޫނީ ވެރިކަން މަސައްކަތްކުރުމުގެ ތުހުމަތަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ޔުމްނާގެ ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން ވެސް މިހާރު ހައްޔަރުގައި ހުންނެވީ ހަމަ އެ ތުހުމަތުގަ އެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް މިރޭ ވަނީ އެ ތުހުމަތުގަ ހައްޔަރުކޮށްފަ އެވެ.

ރައީސް މައުމޫނާއި ނަދީމް ހައްޔަރުކުރީ، ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު ގާނޫނު އަސާސީއިން ލިބިދޭ ގިނަ ހައްގުތަކެއް ހިފަހައްޓާފައިވަނިކޮށެވެ. އެގޮތުން ހައްޔަރުކުރާ މީހުންގެ ގިނަ ހައްގުތަކެއް ވަނީ ހިފަހައްޓާފަ އެވެ.

އެގޮތުން ގާނޫނާ ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުމާއި ހައްޔަރުކުރުމުގެ މާއްދާ ވަނީ ހިފަހައްޓާފަ އެވެކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުމުގެ މާއްދާ ވެސް ހިފަހައްޓާފައިވާއިރު، އިސްތިއުނާފުކުރުމުގެ ހައްގު ވެސް ނުދޭން ސަރުކާރުން އޮތީ ނިންމާފަ އެވެ.

އޭގެއިތުރުން، ހައްލުހޯދުމަށްޓަކައި ދައުވާކުރުމުގެ ހައްގާއި ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމުގައި، އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމްކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުން ނޫން ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތެއްގައި ވެސް ގާނޫނުއަސާސީގެ ބައެއް މާއްދާތަކުގައިވާ ހައްގުތަކާއި މިނިވަންކަން ހިފަހައްޓައިގެނެއް ނުވާނެ ކަމަށް އަންގާފައިވެ އެވެ. އެގޮތުން އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތްކުރުމާއި ހައްޔަރުކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންގެ ހައްގުތަކަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ގާނޫނު އަސާސީގައިވާ ގޮތުން އެއްވެސް މިންވަރަކަށް ހަނިކުރެވޭނެ ހައްގުތަކެއް ނޫނެވެ.