ހަބަރު

ނަދީމް ވެސް ޝަރީއަތް ނިމެންދެން ބަންދަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން މިރޭ އަމުރުކޮށްފި އެވެ. ނަދީމް ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ މިރޭ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދައުލަތުން އެގޮތަށް އެދުމުންނެވެ.

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ ސަރުކާރު ވައްޓާލަން އުޅުމުގެ ބައިވެރިވި ކަމުގެ ތުހުމަތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ނަދީމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އެވެ.

ބަންދުގެ މަޖިލީހަށް ނަދީމް ކުރިމިނަލް ކޯޓަށް ގެނައީ ހަވީރު 5:30ގަ އެވެ. ނަމަވެސް އެ މަޖިލިސް ފެށީ މިރޭ 12 ވެސް ޖެހިފަހުންނެވެ. މަޖިލިސް ނިންމާލީ 1:20 ހާއިރު އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ކުރީގެ ސީޕީ އަހުމަދު އަރީފާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ވެސް މިއަދު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ފަރާތްތަކަށް ދައުވާކުރުމަށްފަހު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނެރުނު ބަޔާނުގައި ނަދީމަށް ކުރާ ދައުވާގެ އިތުރުން އެހެން އެއްވެސް ވާހަކައެއް ނަދީމްއާ ގުޅޭ ގޮތުން ނެތެވެ. އެކަމުގައި ތުހުމަތުވާ ބޭފުޅުންނަށް ދައުވާކުރި ސަބަބުތައް އެ ބަޔާނުގައި ބަޔާންކޮށްފައިވީ ނަމަވެސް ނަދީމަށް ދައުވާކުރީ ކީއްވެ ކަމެއް ބުނެފައެއް ނެތެވެ.

މައްސަލާގައި އެކި ދައުވާތައް ގިނަ ބޭފުޅުންނަށް ކޮށްފައިވެ އެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއް ކަމަށްވާ އަހުމަދު ފާރިސް މައުމޫނާއި އަބްދުﷲ ރިޔާޒާއި އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދާއި ކުރީގެ ސީޕީ އަހުމަދު އަރީފާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމެވެ.