ޔުމްނާ މައުމޫން

ޔުމްނާގެ ހިތާމަވެރި އުފަން ދުވަސް ކޯޓު ދޮށުގައި

"މިއީ އުފާވެރި އުފަން ދުވަހަކަށް ވާނީ ކިހިނެއް"، މިއީ އުފަން ދުވަހުގެ ތަހުނިއްޔާ ލިބެން ފެށުމާއެކު ޔުމްނާ މައުމޫން ވިދާޅުވި ވިދާޅުވުމެވެ. ޔުމްނާ ވިދާޅުވި ގޮތުގައި މިއަދު ފާހަގަކުރާ އެކަމަނާގެ އުފަން ދުވަހަކީ މިހާތަނަށް އައި އެންމެ ހިތާމަވެރި އުފަން ދުވަހެވެ. އެންމެ ލޯބިވާ ތިން ބޭފުޅުން ތިއްބެވީ ޖަލުގަ އެވެ.

ޔުމްނާ މައުމޫންގެ ބައްޕާފުޅު، ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫނާއި ފިރިކަލުން މުހައްމަދު ނަދީމް ތިއްބެވީ އެތައް ހައްގުތަކެއް ހިފަހައްޓައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފަ އެވެ. އެ ބޭފުޅުންނާ ދުރުގައި ހުންނަވަން ޖެހުން މިއަދު ޔުމްނާއަށް ވަނީ ބޮޑު ހިތާމައަކަށްވެފަ އެވެ.

އަނެއްކޮޅުން އުފަން ދުވަހު ޔުމްނާ އެއްކޮށް އުޅުއްވަން ޖެހިފައިވަނީ ކުރިމިނަލް ކޯޓު ސަރަހައްދުގަ އެވެ. ޔުމްނާގެ އުފަން ދުވަހު އެންމެ ލޯބިވާ ތިން ބޭފުޅުންނަށް ލިބެން އޮތީ ބަންދުގެ މުއްދަތެވެ. ރައީސް މައުމޫނާއި ފާރިސް އަދި ނަދީމްގެ ބަންދަށް މިއަދު ގޮތެއް ކަނޑައަޅާނެ އެވެ. ލަފާ ކުރެވޭ ގޮތުގައި ބަންދު އިތުކުރާނެ އެވެ.

ރައީސް މައުމޫން ކޯޓަށް ހާޒިރުކުރުމުން މަންމާފުޅު، ނަސްރީނާ އިބްރާހިމްއާއެކު ޔުމްނާ ވަޑައިގެންނެވީ ދަތުރުވެރިންގެ މާރުކޭޓަށެވެ. ފުލުހުން ބަންދުކޮށްފައިވާ އެ ހިސާބުގައި އިދިކޮޅު އެހެން ބޭފުޅުންނާއެކު ޔުމްނާ ހުންނެވި އެވެ. ޔުމްނާ ވިދާޅުވީ އުފަން ދުވަސް މަންމާފުޅާއެކު މާރުކޭޓް ސަރަހައްދު ފާހަގަކުރައްވަނީ ކަމަށެވެ.

އަދި ރައީސް މައުމޫންގެ ބަންދު މަޖިލިސް ފެށިފައިވާ ކަމުގެ މައުލޫމާތު ވެސް ނުލިބޭއިރު ފާރިސް އާއި ނަދީމް ކޯޓަށް ހާޒިރެއް ވެސް ކުރެ އެވެ. އެހެންކަމުން ގިނަ ވަގުތުތަކެއް ވަންދެން ޔުމްނާއަށް އެ ސަރަހައްދުގައި މަޑުކުރަން ޖެހޭނެ ކަމަށް ބެލެވެ އެވެ.

ޔުމްނާ މައުމޫން ކޯޓު ދޮށުގައި އުފަން ދުވަސް ފާހަގަކުރެއްވިއިރު އެކަމަނާއަށް ގިނަ ބަޔަކު ދަނީ އުފަން ދުވަހުގެ ތަހުނިއްޔާ ފޮނުވަމުންނެވެ. އަދި އެންމެ ލޯބިވާ ބޭފުޅުން ހައްޔަރުކޮށްފައިވާއިރު ވެސް އެކަމަނާ މީގެ އެތައް ދުވަހެއް ކުރިން ފެއްޓެވި އިސްލާހީ މަސައްކަތްޕުޅުގައި އެއްވެސް ފިޔަވަޅެއް ފަހަތަށް ނާޅުއްވާ އެގޮތުގައި ކުރިއަށް ވަޑައިގަންނަވާތީ ދަނީ ތައުރީފުކުރަމުންނެވެ. ފާރިސްގެ "ސުޕްހީރޯ" ޔުމްނާއަކީ ހަގީގަތުގައި ވެސް ސުޕަހީރޯއެއް ކަމަށް ބުނާ މީހުން ގިނަ އެވެ.