1 ފެބުރުއަރީގެ އަމުރު

ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފި އެވެ. ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ބުނީ އަލީ ހަމީދު ހައްޔަރުކުރީ ބަލަމުންދާ މައްސަލައެއްގަ ކަމަށެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް މިރޭ ހައްޔަރުކުރި އެވެ.

ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރިއިރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ފަނޑިޔާރުންނަށް ލިބޭ އިމްތިޔާޒުތައް ވަނީ ކަނޑާލާފަ އެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާ އާއި 14 ވަނަ މާއްދާ ވެސް ވަނީ ހިފަހައްޓާފަ އެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާއަކީ ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒުގެ މާއްދާ އެވެ. ސާދަވަނަ މާއްދާއަކީ ފަނޑިޔާރަކާމެދު އެއްވެސް ފިޔަވަޅެއް އަޅާނަމަ، އެ މައުލޫމާތު ފަނޑިޔާރަށް ލިބުމުގެ މާއްދާ އެވެ.

ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު ސިފައިން ގަދަ ބާރުން ސުޕްރީމް ކޯޓު ތެރެއަށް ވަދެގަނެ އެ ކޯޓު ތެރޭގައި ގިނަ ވަގުތުތަކެއް ހޭދަކުރުމަށްފަހު އެވެ. މައުލޫމާތު ލިބޭ ގޮތުގައި ފަނޑިޔާރު ފުލުހުންނާ ހަވާލުކުރީ ސިފައިންނެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ވެސް މިރޭ ހައްޔަރުކޮށްފައިވާއިރު، ފަނޑިޔާރުންނާއެކު، ގިނަ އަދަދެއްގެ ލިޔެކިޔުންތައް ފުލުހުން ގެންދިޔަ ކަމަށް މައުލޫމާތު ލިބެ އެވެ.