1 ފެބުރުއަރީގެ އަމުރު

އުއްތަމަ ފަނޑިޔާރު ވެސް ހައްޔަރުކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ހައްޔަރުކޮށްފި އެވެ. ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ބުނީ އަންދުﷲ ސައީދު ހައްޔަރުކުރީ ބަލަމުންދާ މައްސަލައެއްގަ ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އުއްތަމަ ފަނޑިޔާރު ހައްޔަރުކުރިއިރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ފަނޑިޔާރުންނަށް ލިބޭ އިމްތިޔާޒުތައް ވަނީ ކަނޑާލާފަ އެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާ އާއި 14 ވަނަ މާއްދާ ވެސް ވަނީ ހިފަހައްޓާފަ އެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާއަކީ ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒުގެ މާއްދާ އެވެ. ސާދަވަނަ މާއްދާއަކީ ފަނޑިޔާރަކާމެދު އެއްވެސް ފިޔަވަޅެއް އަޅާނަމަ، އެ މައުލޫމާތު ފަނޑިޔާރަށް ލިބުމުގެ މާއްދާ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު ސިފައިން ގަދަ ބާރުން ސުޕްރީމް ކޯޓު ތެރެއަށް ވަދެގަނެ އެ ކޯޓު ތެރޭގައި ގިނަ ވަގުތުތަކެއް ހޭދަކުރުމަށްފަހު އެވެ. މައުލޫމާތު ލިބޭ ގޮތުގައި އުއްތަމަ ފަނޑިޔާރު ފުލުހުންނާ ހަވާލުކުރީ ސިފައިންނެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ވެސް މިރޭ ހައްޔަރުކޮށްފައިވާއިރު، ފަނޑިޔާރުންނާއެކު، ގިނަ އަދަދެއްގެ ލިޔެކިޔުންތައް ފުލުހުން ގެންދިޔަ ކަމަށް މައުލޫމާތު ލިބެ އެވެ.