މިހާރު ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން، ގެސްޓްހައުސް ބުކިންތައް ކެންސަލްވެ، ވިޔަފާރި ވަޅުޖެހި، ހީނަރުވާން ފަށައިފި އެވެ.
ރާއްޖޭގެ ގެސްޓްހައުސްތައް ތަމްސީލް ކުރާ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް މުހައްމަދު ކަރަމް ވިދާޅުވީ ބައެއް ގެސްޓްހައުސްތަކަށް އަންނަން ތިބި މީހުން ކެންސަލް ކުރަން ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑުގެ ގެސްޓްހައުސް އިން އެކަނި ވެސް ޗައިނާގެ 50 މީހުންގެ ގްރޫޕެއް ކެންސަލްކޮށްފި. އެހެން ގެސްޓްހައުސްތަކުގައި ވެސް ކޮންމެ ވެސް ވަރަކަށް ކެންސަލޭޝަން އުޅޭ،" ކަރަމް ވިދާޅުވި އެވެ. "އެ ޝަކުވާ އެބަ ލިބޭ."
އޭނާ ވިދާޅުވީ ގެސްޓްހައުސް އަށް އަންނަ ތިބި އެންމެ އެންމެ ޓޫރިސްޓެއް ކެންސަލް ކުރިނަމަވެސް އެއީ ބޮޑު ގެއްލުމެއް ކަމަށެވެ.
"ގެސްޓްހައުސްތައް މި ހިންގަނީ ވަރަށް ކުޑަ އާމްދަނީ އަކުން. އެހެންވެ މި ގެއްލުން ވާނެ. ރިސޯޓުތަކުގައި ކެންސަލް ވިނަމަވެސް ގެއްލުން ކުޑަ ވާނެ. މީގެ ގެއްލުން ބޮޑީ ގެސްޓްހައުސް ތަކަށް،" ކަރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޗައިނާ މީހުން އަންނަ އަދަދު ކެންސަލް ކުރިނަމަވެސް، ރާއްޖޭގެ ގެސްޓްހައުސް މާކެޓަށް އަންނަ ޗައިނާ މީހުން މަދު ކަމަށެވެ.
"ޔޫރަޕު މީހުންގެ ކެންސަލޭޝަން މަދު. ޗައިނާ މީހުން މި އުޅެނީ،" ކަރަމް ވިދާޅުވި އެވެ.
ގެސްޓްހައުސް ހިނގާ ބައެއް ފަރާތް ތަކުން ބުނި ގޮތުގައި އެ މީހުންގެ ބައެއް ބުކިންތައް ދަނީ ކެންސަލް ކުރަމުންނެވެ.
ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ގެސްޓްހައުސް ތަކަށް ގިނަ އިން އަންނަނީ ޔޫރަޕު މީހުންނެވެ. ހާއްސަކޮށް ރަޝިޔާ އާއި އިޓަލީ މީހުންނެވެ. ނަމަވެސް މި ގައުމުތަކުގެ މީހުން ރާއްޖެ އައިސް އުޅުމުގައި ސަމާލުވުމަށް އަދި އަންގާފަ އެއް ނެތެވެ. ނަމަވެސް، ޗައިނާ އިން ރާއްޖެއަށް އަންނަ މީހުން ސަމާލުވުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އަންގާފަ އެވެ. އަދި ޔޫރަޕުގެ ބައެއް ގައުމުތަކުން ވެސް ވަނީ ރާއްޖެއަށް ޒިޔާރަތްކޮށް އުޅޭއިރު ސަމާލުވެ ތިބުމަށް އެ ގައުމުގެ ރައްޔިތުންނަށް އަންގާފަ އެވެ.