ހަބަރު

ލިޔެކިޔުން އެބަހުރި، ފަނޑިޔާރުން ވަނީ ފްލެޓް ގަނެފައި: ރައީސް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ރައީސް އަބްދުﷲ ޔާމީން ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެވެ. ސާބިތުނުވާ މައްސަލައެއް ސައްހަ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މިއަދު ގައުމާ މުހާތަބު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓުން ތަފާތު ބޮޑެތި އަމުރުތަކެއް ފުލުފުލުގައި ނެރެމުން ދަނިކޮށް، ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާ ގުޅޭ ގޮތުން ބަލަން ފެށި މައްސަލައެއް ކަމަށާއި އެ ބޭފުޅާއަކީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ގާތް ބޭފުޅެއް ކަމަށެވެ. އަބަދުވެސް އުޅުއްވަނީ އެކުގަ އެވެ. ހަސަންއަކީ އާންމު ފަރުދަކަށްވާއިރު، އޭނާގެ މައްސަލަ ބަލަން ފެށުމުން އެކަން ބާތިލުކޮށް ސުޕްރީމް ކޯޓުން އެކަން ހުއްޓިވި ކަމަށެވެ. އެކަން އެގޮތަށް ކުރާނަމަ އެއީ، އަދުލު އިންސާފުގެ ނިޒާމު ގެއްލުވާލުން ކަމަށެވެ. ހަސަންއަށް ވެސް ތުހުމަތު ކުރެވޭނަމަ އޭނާގެ މައްސަލަ ބެލޭނެ ކަމަށާއި ކުށުން ބަރީއަވުމުގެ ހައްގު އޭނާއަށް އޮންނާނެ ކަމަށެވެ.

"ފެނިގެން ދިޔައީ ހަސަން ފްލެޓެއް ގަންނަން ހުށަހަޅާފައިވާ އޮތްތަން، ލިޔެކިޔުމުން އެކަން އޮތީ ފެންނަން، އެއީ ސައްހަ މައްސަލައެއް، ހަމައެއާއެކު ފެނިގެން ދިޔައީ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރުގެ ހަމަ މި މައްސަލަ، ފްލެޓެއް ގަންނާނެ ކަމަށް ޔަގީންކަން ދީފައި އޮތް ލިޔުން، ދެން ފެނިގެން ދިޔައީ އަލީ ހަމީދުގެ އަނބިކަނބަލުންގެ ނަމުގަ ފްލެޓެއް، ދަރިފުޅުގެ ނަމުގަ ފްލެޓެއް، ދައުލަތުން އެދޭނެ މަގާމުގަ ތިބޭ މީހުން މުސާރައާ ނުބައްދަލު ކަންކަން ހިނގާނަމަ އެކަން ބަލަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ދައުލަތުން ބޭނުންވީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް "ބަދަލުތަކެއް" އައީ ކީއްވެގެންތޯ ބެލުމަށް ކަމަށާއި ބެލި ބެލުމުގައި ފްލެޓްގެ މައްސަލަ އޮތުމުން އެ މައްސަލަ ތުހުގީގުކުރަން ބޭނުންވެ، އަމުރުގައިވާ ނުވަ ބޭފުޅުންގެ ތެރެއިން ކޮން ނުފޫޒެއްތޯ އެ ފަނޑިޔާރުންނަށް އޮތީ ބަލަން ބޭނުންވި ކަމަށެވެ.

"މި ތަހުގީގު ކުރެވޭ ކަމަށްވާނަމަ، އެ ބޭފުޅުންނަށް ފައިސާ ލިބުނު ގޮތަކާއި މުއާމަލާތް ކުރެވުނު ގޮތެއް އެނގެން ޖެހޭ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އެއްވެސް ފަރާތަކަށް ނުފޫޒެއް ނުފޯރުވޭނެ، ރައިސުލްޖުމްހޫރިއްޔާއަށް އުއްތަމަ ފަނޑިޔާރާ އަބަދުވެސް ވާހަކަ ދެއްކޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެއްވެސް މަގެއް ނުފެނުނު، މީގެ އަސްލާ ހަމައަށް ދާކަމަށްވާނަމަ ފަނޑިޔާރުންގެ ވިސްނުމަށް ބަދަލު އައީ ކީއްވެގެންތޯ އާއި ކޮން ކަހަލަ ނުފޫޒެއް އައިގެން ކަމަށްތޯ އަޅުގަނޑު އެބަ ދެނެގަންނަންޖެހޭ، ކިހިނެއް ލިބުނު މުއްސަނދި ކަމެއްތޯ ބަލަން އެބަޖެހޭ، އެ މުއްސަނދިކަމާ ގުޅިދާނެ ކަމަށް ބެލެވޭ ވިސްނުމަށް އައި ބަދަލު އެބަ ބެލެންޖެހޭ،"

ރައީސް ޔާމީން ވިދާޅުވީ، ދައުލަތުގެ ކޮންމެ ބާރެއްގެ ވެރިޔަކު ވެސް ކުރައްވާ ކަމެއް ބެލެންޖެހޭނެ ކަމަށެވެ. ޒިންމާވާން ޖެހޭނެ ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށްވީ ނަމަވެސް ރައިސުލްޖުމްހޫރިއްޔާ ކަމަށްވީ ނަމަވެސް ކަމަށެވެ. އަދި ލިޔެކިޔުމެއް އޮތްނަމަ އެ މައްސަލައަކީ ކޮންމެހެން ބަލަންޖެހޭނެ މައްސަލައެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓުގެ އަމުރުގައި މައްސަލަތައް ބައިވަރު ކަމަށާއި އެ އަމުރު ނެރެފައިވަނީ ކޮންމެވެސް ނުފޫޒެއްގެ ދަށުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ނުފޫޒު ވަންނަނީ އެންމެ ދިމާލަކުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އެއީ، ރައީސްއާ ވަރަށް ގާތްކޮށް އުއްތަމަ ފަނޑިޔާރު މަސައްކަތް ކުރެއްވުމަށްފަހު ދައުލަތަށް އެއްވެސް އެންގުމެއް، އެއްޗެއް ވިދާޅުވުމަށް ފުރުސަތު ނުދީ އަމުރު ނެރެފައިވާތީ ކަމަށެވެ.

"ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަނީ އެއް ދިމާލަކުން ނޫން އެކަން އެނގިއްޖެ، ކުއްލިއަކަށް ވުޖޫދުގައި ނެތް މައްސަލަތައް ބަލަން ފަށައި، އަދި ވަރަށް އަވަސް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މިކަންކަން ނިންމުމަށް، ދައުލަތަކާ މަޝްވަރާއެއް ނުކުރައްވާ، މިއީ ގާނޫނުގަ މިކަން ކުރެވޭނެ ގޮތެއް،" ރައީސް ވިދާޅުވި އެވެ.

ފަނޑިޔާރުންނަށް ނުފޫޒެއް އޮތް ކަމަށް ގަބޫލު ކުރެވޭތީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހާޒިރުކޮށް އެ މައްސަލަ ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް އެކަމަށް ސުޕްރީމް ކޯޓުން އޮތީ ހުރަސް އަޅައި، ޖޭއެސްސީގެ ބާރު ކަނޑުވާލާފަ ކަމަށް ރައީސް ވިދާޅުވި އެވެ. ޖޭއެސްސީގެ ބާރު ކަނޑުވާލުމަކީ މުޅިން ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ.