އިދިކޮޅު ފާރަތްތަކާއެކު މަސައްކަތް ކުރާ މަޝްހޫރު ހަ ގާނޫނީ ވާކީލެއްގެ ސަސްޕެންޝަން އުވާލައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ދާދީ ދެންމެއަކު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ވަކާލާތުކުރުމުގެ ހުއްދަ އަލުން ދީފައިވަނީ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީއާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންއާ މަހްފޫޒުް ސައީދާއި އަނަސް އަބުދުއްސައްތާރާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށެވެ.
އެ ބަޔާނުގައި ވަނީ އެވަކީލުގެ ވަކާލާތުކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވަނީ އެ ވަކީލުގެ މައްސަލަ ބެލުމަށް ފަހުގައި ކަމަށެވެ. ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސުއޫދުގެ ސަސްޕެންޝަން އިއްޔެެ އުވާލި ކަމަށްވެސް ބަޔާނުގައި ވެއެވެ.
ސުޕްރީމް ކޯޓަށް ޕެޓިޝަނެެއް ހުށަހަޅަން އުޅުމުން ޖުމްލަ 54 ވަކީލަކު ސަސްޕެންޑް ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ވަކީލުން ސުޕްރީމް ކޯޓަށް ހުށަހަޅަން އުޅުނު ޕެޓިޝަނަކީ ޝަރުއީ ދާއިރާ އިސްލާހުކޮށްދެއްވުން އެދި ކޮށްފައިވާ އިލްތިމާސެކެވެ.
މީގެކުރިން ވެސް އެކި ފަހަރު މަތިން ގިނަ ވަކީލުންތަކެއްގެ ސަސްޕެންޝަން އުވާލާފައިވެ އެވެ. އެގޮތުން އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދެ ގާނޫނީ ވަކީލުން ކަމަށްވާ ހިސާން ހުސެއިނާއި އިބްރާހިމް ރިފްއަތުގެ ސަސްޕެންޝަން ވެސް މީގެ ކުރިން ވަނީ އުވާލާފަ އެވެ. އަދި އުނގާފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވެފައިވާ ހުސައިން ހުމާމްގެ ގާނޫނީ ވަކީލް އަބުދުﷲ ހަސީނުގެ ސަސްޕެންޝަން ވެސް ވަނީ އުވާލާފަ އެވެ.