1 ފެބުރުއަރީގެ އަމުރު

ރާއްޖެއަށް ޓޫރިސްޓުން އައުމުގައި ނުރައްކަލެއް ނެތް: އަޓާ

Feb 6, 2018

ރާއްޖޭގައި ކުއްލަ ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވީ ނަމަވެސް، ރާއްޖެއަށް ޓޫރިސްޓުން އައުމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އިން ބުނެފި އެވެ.

މިހާރު ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ނެރެފައިވާ ބަޔާނެއްގައިި ބުނީ ބައެއް ގައުމުތަކުން ޓްރެވަލް އެޑްވައިޒަރީތައް ނެރެމުން ދިޔަ ނަމަވެސް ރާއްޖެއަށް އަންނަ މީހުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ސިޔާސީ ގޮތުން ހަލަބޮލިވެ، އެއްވުންތައް ކުރިއަށްދަނީ މާލޭގައި ކަމަށާ، ރާއްޖެ އުފެދިފައިވާ ގޮތުގެ ސަބަބުން ޓޫރިސްޓުންނަށް މީގެ އަސަރެއް ނުކުރާނެ ކަމަށެވެ. އަދި ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މާލެ ނައިސް ސީދާ ރިސޯޓަށް ނުވަތަ ރަށްރަށަށް ވެސް ދެވޭނެ ކަމަށް އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަޓާ އިން ބުނި ގޮތުގައި ސިޔާސީ ގޮތުން ރާއްޖެ ހަލަބޮލި ނަމަވެސް، ރާއްޖެއަށް ޒިޔާރަތް ކުރާ މީހުންނަށް ދިވެހިން މަރުހަބާ ކިޔާނެ ކަމަށެވެ. މިގޮތުން މިއަދު ވެސް ރާއްޖޭގެ ވިޔަފާރިތަކާއި ސްކޫލްތައް އާއްމު އުސޫލުން ހިނގަމުން ދިޔަ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ބައެއް ގައުމުތަކުން ވަނީ ރާއްޖެއަށް ޒިޔާރަތް ކުރުމުގައި ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ. މިގޮތުން ބައެއް ގައުމުތަކުގެ ވަނީ މިވަގުތު ރާއްޖެއަށް ޒިޔާރަތް ނުކުރުމަށް ވެސް އަންގާފަ އެވެ.