ހަބަރު

ގޮފިތަކުގެ މައްސަލަތައް ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރުން ބަލަނީ

މިއަދުން ފެށިގެން ހައިކޯޓުގެ ގޮފީގެ މައްސަލަތައް ބަލާނެ ފަނޑިޔާރުން ކަނޑައަޅާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށް ކަނޑައަޅައިފި އެވެ. މިގޮތަށް ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުން މިރޭ ނެރުނު ގަރާރެއްގަ އެވެ. މީގެކުރިން ސުޕްރީމް ކޯޓުން އޮތީ އެކަމަށް އުސޫލެއް ކަނޑައަޅައި، ގޮފިތަކުގެ ފަނޑިޔާރުން ދައުރުވާ ގޮތް ހަދާފަ އެވެ.

"ހައިކޯޓު، ހައިކޯޓު ދެކުނު ގޮފި، ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތް ހިންގުމާ ބެހޭ ސުޕްރީމް ކޯޓުގެ ގަރާރު،" ނަމުގައި ސްޕްރީމް ކޯޓުން ނެރުނު ގަރާރަކީ މީގެކުރިން ނެރެފައިވާ ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖެއްސުމުގެ ތިން ގަރާރަކާއި އިސް ފަނޑިޔާރު ހަމަޖެއްސުމުގެ ގަރާރު ބާޓިލުކުރުމަށްފަހު އެވެ.

އާ ގަރާރުގައި ބުނެފައިވަނީ، ހައިކޯޓާއި ދެ ގޮއްޕަށް ހުށަހެޅޭ މައްސަލަތައް އިދާރީ ގޮތުން ބަލައިގަނެ އެކަށީގެންވާ މައްސަލަތައް ހުށަހެޅުމުން އެ މައްސަލަތައް ބަލައި ނިޔާ ކަނޑައަޅާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން ހިމެނޭ ޝަރުއީ ވަފުދަކުން ކަމަށެވެ.

ހައިކޯޓަކީ ފަނޑިޔާރުންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކޯޓެކެވެ. ގިނަ މައްސަލަތަކެއް ކުރިއަށްދާ ހައިކޯޓުގައި ތިއްބަވަނީ އަށް ފަނޑިޔާރުންނެވެ. އޭގެ ތެރެއިން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ސުޖާއު އުސްމާންއަކީ ދެކުނު ގޮފީގެ ފަނޑިޔާރުންނެވެ.

ހައިކޯޓުގައި މަސައްކަތް ކުރައްވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން މިހާރު ހައިކޯޓުގައި 11 ފަނޑިޔާރުން ތިއްބަވަން ޖެހޭނެ އެވެ. ނަމަވެސް މިހާތަނަށް ގާނޫނުގައިވާ އަދަދަށް ފަނޑިޔާރުން އައްޔަން ކުރެވިފައެއް ނުވެ އެވެ. ގާނޫނަށް އިސްލާހު ގެނައީ ވެސް ފަނޑިޔާރުން މަދުވެ އެ ކޯޓުގެ ޝަރީއަތްތައް މަޑު ޖެހިފައިވާތީ އެވެ.

ފަނޑިޔާރުން ނެތުމުން ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް އެގޮތަކަށް ވެސް ވަނީ ނުފެށިފަ އެވެ. އިދާރީ މުވައްޒަފުން އެ ގޮތްޕަށް ނެގިތާ މިހާރު އެތައް ދުވަހެކެވެ.