މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން އިދިކޮޅު ލީޑަރުން މިނިވަން ކުރުމަށާއި ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުބެލޭ ބައި ސުޕްރީމް ކޯޓުން މިރޭ ބާތިލް ކޮށްފައިވާތީވެ ސަރުކާރުން އެކަމަށް މަރުހަބާ ކިޔައިފި އެވެ.
ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރަށް ގެނައި ބަދަލުތަކަށް މަރުހަބާ ކިޔާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ އަބްދުﷲ އަރީފާއި އާދަމް މުހައްމަދު އަބުދުﷲ އާއި ޑރ. އަހުމަދު އަބްދުﷲ ދީދީ ސޮއި ކުރައްވާ ނެރުއްވާފައިވާ އަމުރުގައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހިމެނޭ ބައިތަކުގެ ތެރެއިން އިދިކޮޅު ލީޑަރުންގެ މައްސަލަ އަލުން ބެލޭނެ އިންތިޒާމް ހަމަޖައްސައި އެފަރާތްތައް ވަގުތުން ދޫކޮށް މިނިވަން ކުރުމަށް ކަނޑައަޅާފައިވާ ބަޔާއި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާއި ބެހޭ އެއްވެސް މައްސަލައެއް އެޖެންޑާ ކޮށް ބެލުމުގެ ބާރު ޖުޑީޝިއަލް ސާވިސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅާފައިވާ ބައި ބާތިލް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައިވާ ބައި މިރޭ ނެރުނު އަމުރުގައި ބާތިލްކޮށްފައެއް ނުވެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ އެކު ރައީސް އިއްޔެ ހިފެހެއްޓި ސުޕްރީމް ކޯޓްގެ ބާރުތައް ވެސް މިރޭ ވަނީ އަލުން އެ ކޯޓަށް ދީފަ އެވެ.