ހަބަރު

ފަނޑިޔާރު އަލީ ހަމީދުގެ ހާލުކޮޅު ސީރިއަސްވެ، ފަރުވާ ދެނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ހާލުކޮޅު ސީރިއަސްވެ، ފަރުވާދެމުންދާ ކަމަށް ފަނޑިޔާރުގެ ގާތް ބޭފުޅުން ބުނެފި އެވެ. ނަމަވެސް މިކަން ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރެއް ނުކޮށްދެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަލީ ހަމީދު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދޭން ފެށީ، މިރޭ 12:00 ހާއިރު އެވެ. މިހާރު ފަނޑިޔާރު ވަނީ އެޑްމިޓް ވެސް ކޮށްފަ އެވެ.

ފަނޑިޔާރު އަލީ ހަމީދު އައިޖީއެމްއެޗްއަށް ކުއްލި ގޮތަކަށް ގެންގޮސް ވައްދާފައިވަނީ އެމަޖެންސީއަށެވެ. ފަނޑިޔާރު އަލީ ހަމީދުގެ ހާލުކޮޅު ސީރިއަސްވީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް ފަނޑިޔާރު ހޮސްޕިޓަލަށް ގެންދަނިކޮށް ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެ ފޮޓޯއިން ފެންނަ ގޮތުން އަލީ ހަމީދު އޮންނެވީ ހޭނެތިފަ އެވެ. ލޯ ވެސް ވަނީ މެރިފަ އެވެ.

އޭގެއިތުރުން ފަނޑިޔާރު އަލީ ހަމީދު އޮންނެވީ މޭ މަތީގައި އަތް ވެސް އަޅުއްވައިގެންނެެވެ.

ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ ބާރާއެކު ސުޕްރީމް ކޯޓަށް ސިފައިން ވަދެގަނެގެނެވެ. ސިފައިން، އަލީ ހަމީދު ފުލުހަށް ހަވާލުކުރުމުން ގެންދިޔައީ ދޫނިދޫއަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ ވެސް އަލީ ހަމީދު ހައްޔަރުކޮށް، އެ ބޭފުޅާގެ މައްސަލަ ބެލުމަށެވެ.

ރައީސް އަބްދުﷲ ޔާމީން ވަނީ ރިޝްވަތުގެ ތުހުމަތު އަލީ ހަމީދަށް ކުރައްވާފަ އެވެ. އަދި އަނބިކަނބަލުންނާއި ދަރިފުޅުގެ ނަމުގައި ފްލެޓް ބައްލަވައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ.