ހަބަރު

އިންޑިއާއިން ރާއްޖޭގެ ކަންކަމާ ބެހުން ހުއްޓާލަން ޖެހޭ: ޗައިނާ

އިންޑިއާއިން ރާއްޖޭގެ ކަންކަމާ ބެހުން ހުއްޓައިލަންް ޖެހޭ ކަަމަށް ޗައިނާއިން ބުނެފި އެވެ. ޗައިނާގެ ސަރުކާރުގެ ވިސްނުން ހާމަ ކުރާ އެ ސަރުކާރުގެ ނޫސް "ދަ ގްލޯބަލް ޓައިމްސް" ގައި އިއްޔެ ޝާއިއުކުރި އެޑިޓޯރިއަލްއެއްގައި ބުނަނީ ރާއްޖޭގެ ދާހިލީ ކަންކަމަށް ވަނުމަށް "ނިއުދިއްލީއަށް ދެއްކޭނެ ބަހަނާއެއް ނެތް" ކަމަށެވެ.

ޗައިނާގެ ގްލޯބަލް ޓައިމްސްގެ އެޑިޓޯރިއަލް ތަކަކީ ޗައިނާ ސަރުކާރުގެ ބުނުންތަކުގެ ގޮތުގައި ބައިނަލް އަގުވާމީ މީޑިއާތަކުން އަބަދުވެސް ރިޕޯޓް ކުރެއެވެ. އަދި ޗައިނާ ސަރުކާރުުން އެކަމަކާ އިންކާރެއް ވެސް ނުކުރެއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކާ މެދު އިންޑިއާއިން އަމަލުކުރާ ގޮތާ މެދު ގްލޯބަލް ޓައިމްސްގެ ލިއުމުގައި ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެ ފާޑު ކިއުންތަކަށް ފަހު ލިއުން ނިންމައިލަމުން ބުނެފައި ވަނީ "ދިވެހިރާއްޖޭގެ ސިޔާދަތަށް އިހުތިރާމް ކުރަން ޖެހޭނެ" ކަމަށެވެ.

"ސިޔާސީ މައްސަލަތައް ވާން ޖެހޭނީ ދާހިލީ ކަމަކަށެވެ. އަދި މާލޭގެ ކަންކަމަށް ވަނުމަށް ނިއުދިއްލީއަކަށް ބަހަނާއެއް ނެތެވެ. ދިވެހި ރާއްޖެ ވަނީ އިންޑިއާގެ ވަރުގަދަ ފިއްތުންތަކެއްގެ ދަށުގަ އެވެ. [އިންޑިއާއިން] ދިވެހިރާއްޖޭގެ ސިޔާދަތަށް އިހުތިރާމް ކުރަން ޖެހޭނެ އެވެ. ދިވެހިން އަމިއްލައަށް އެޑްރެސް ކުރަން ސިޔާސީ އުުތުރިއެރުން ވާނީ ދޫކޮށްލާށެވެ. ހުރިހާ ފަރާތަކުން ވެސް ކެތްތެރިވުމަަށާއި ވީހާވެސް ގެއްލުން ކުޑަކޮށް މައްސަލައަށް ނިމުމެއް ގެންނަން އަހަރެމެން ގޮވައިލަމެވެ،" ޗައިނާ ސަރުކާރުގެ ލިއުމުގައި ވެއެވެ.

އިންޑިއާއަށް ފާޑު ކިޔަމުން ލިއުމުގައި ބުނެފައި ވަނީ ދެކުނު އޭޝިއާގެ ގަައުމުތައް ކޮންޓްރޯލް ކުރުމަށް އިންޑިއާގެ ވަރުގަދަ އެދުމެއް އޮންނަ ކަމަށެވެ. މި ސަރަހައްދަކީ އިންޑިއާގެ ބެޔްކާޑް ކަމަށް އެގައުމުން ދެކޭ ކަމަށް ވެސް ތުހުމަތުކޮށްފައި ވެއެވެ.

މިހިނގާ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ރާއްޖޭގައި ސިޔާސީ ބޮޑު މައްސަލަ ގަނޑެއް އުފެދުމާ އެކު ޗައިނާއިން ގޮވައިލީ ދެފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަަށެވެ. އަދި ރާއްޖޭގެ މަޝްރަހު ހަމަ ޖެހެންދެން ރާއްޖެއަށް ދަތުރު ނުކުރަން އެގައުމުގެ ރައްޔިތުންނަށް ވަނީ އިރުޝާދު ދީފަ އެވެ.

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު ވެރިކަމަށް ވަޑައިގެންނެވި ފަހުން ޗައިނާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބަދަހިވެފައެވެ. އެގޮތުން އެގައުމުގެ ރައީސް ޝީޖިންޕިން ވަނީ ރާއްޖެއަށް ވަނީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އަދި ރައީސް ޔާމީނު ވަނީ ޗައިނާއަށް ދެ ފަހަރު ވަޑައިގެންފައެވެ.

ހުޅުލެއާ މާލެއާ ދެމެދު އަޅާ ބްރިޖުގެ މަޝްރޫއުގެ އިތުރުން އެހެން ބައެއް މަޝްރޫއުތައް ވެސް ޗައިނާއިން އަންނަނީ ރާއްޖޭގައި ހިންގަމުންނެވެ. އެގައުމާ އެކު ރާއްޖޭން ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ.