ކްރިމިނަލް ކޯޓް

ފުރާޅުން ޓިނު ނަގައިގެން ވައްކަން ކުރިކަން ސާބިތެއް ނުވި

މާލޭ ބޭސް ފިހާރައެއްގެ ފުރާޅުން ޓިނު ނަގައިގެން އެތަނަށް ވަދެ ވައްކަން ކުރި މައްސަލައެއްގައި ދައުލަތުން ދައުވާ ކުރި މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ސޯސަން މަގުގައި ހުރި ބޭސް ފިހާރައެއްގެ ފުރާޅުން ޓިނު ނަގައިގެން އެ ފިހާރައަށްވަދެ، އެ ފިހާރައިން ގާތްގަނޑަކަށް 25،000 ރުފިޔާ ވަގަށް ނެގި މައްސަލަ އެކެވެ. މި މައްސަލައިގައި ދައުލަތުން މީހެއްގެ މައްޗަށް ދެ ދައުވާއެއް އުފުލި އެވެ.

މި މައްސަލައިގައި ދައުލަތުން އުފުލާފައިވަނީ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއަކާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުމުގެ ކުށުގެ ދައުވާ އެވެ.

މި ދެ ދައުވާއަށްވެސް ދައުލަތުގެ ދައުވާ ރައްދުވީ ފަރާތުން އިންކާރުކުރި އެވެ. އެކަމަކު އޭގެ ކުރިން އޭނާ ކުށަށް އިއުތިރާފުވެ، އިއުތިރާފު އެއްބަސްވުމެއްގެ ކޯޓަށް ހުށަހެޅި އެވެ. އެހެން ނަމަވެސް ޝަރީއަތުގައި އެ މީހާ ކުށަށް އިންކާރު ކުރުމުން އިއުތިރާފުގެ އެއްބަސްވުން ކޯޓުން ބަލައިނުގަތީ އެވެ.

މި މައްސަލައިގައި ފުލުހުންގެ ފަރާތުން އާރުލާ ހެއްކެއް ކޯޓަށް ހުށަހެޅޭ ގޮތެއް ނުވި އެވެ. ކުޑަމިނުން ރަނގަޅު ސީސީޓީވީ ފުޓޭޖެއްވެސް ފުލުހުންނަށް ހުށަނޭޅުނެވެ. އަދި ފިހާރައިގެ ތެރޭގެ ފިންގަޕްރިންޓުންވެސް ކަމެއް ޝަރީއަތަށް ސާބިތުވާވަރު ނުވާތީ މައްސަލަ ނިންމީ ކުށް ސާބިތު ނުވާ ކަމަށެވެ. މި މައްސަލައިގެ ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހްސާންއެވެ.